ޚަބަރު

މަސްވެރިކަން ކުރިއެރުވުމަށް ހިންގާ މަޝްރޫޢުތަކާއެކު ބޮޑު ބަދަލެއް ފެނިގެންދާނެ: ރައީސް


މަސްވެރިކަމުގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކާއެކު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖެއިން ބޮޑު ބަދަލެއް ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފީއަލީގެ އައު އިންޖީނުގެއާއި އައު އޮފިސް ޢިމާރާތާއި، އައިސް ޕްލާންޓް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، މަސްވެރިންގެ އެއް ޝަކުވާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އައިސް ޕްލާންޓްތަކުގެ ޚިދުމަތް މެދުކެނޑިފައި އޮތުންކަމަށެވެ. ނަމަވެސް އައިސް ޕްލާންޓްތައް ހިންގުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމުން މަސްވެރިންގެ އެ ޝަކުވާތަކަށް ނިމުން އައިސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހުރި އައިސްޕްލާންޓަކުން ޚިދުމަތް ފޯރުކޮށްދެވެން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ފެނަކައިން ކުރަމުންދަނީ ކަރަންޓުގެ ޚިދުމަތެއް ނޫން. ފެނަކައިން ކޮންމެ ރަށެއްގައި ކުރަމުން ދަނީ ކަރަންޓާ، ފެނާއި ނަރުދަމާގެ އިތުރުން މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމާއި އެތައް ޚިދުމަތެއް. މިއީ ފެނަކައާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަދު މަސައްކަތްތަކެއް. ނަމަވެސް އޭގެ ނަތީޖާ ރަނގަޅު. ރައްޔިތުންނަށް ދަތިނުވެ ނަރުދަމާއާއި ފެނާއި ކަރަންޓް އަދި މަސްވެރިންނަށް ބޭނުންވާ އައިސް ލިބުމުގައި ދަތިކަމެއް ނެތި ފެނަކައިން ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން." ރައީސް ވިދާޅުވިއެވެ.

ފ.ފީއައްޔަކީ ފާނައާއި، ބޯޑު ކަންނެލީގެ މަސްވެރިކަމަށް ޚާއްޞަ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ހޯދައިދިނުންކަމަށެވެ. އަދި މަސްވެރިން ބާނާ ހުރިހާ މަހެއް ކިރޭނެ ގޮތް ހޯދައިދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، މިހާތަނަށްވެސް ބޮޑު ބަދަލެއް ގެނެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެކަނި ދައުލަތުގެ މަސްކުންފުނި މިފްކޯގެ ކެޕޭސިޓީއަށް ބަލާލުމުންވެސް އެކަން ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިސަރުކާރު ހަވާލުވިއިރު މިފްކޯއަށް މަސް ކިރޭ ކެޕޭސިޓީ ހުރީ ގާތްގަނޑަށް 1700 މެޓްރިކްޓަންގައި ކަމަށާއި، ނަމަވެސް އެ ޢަދަދު 5027 މެޓްރިކް ޓަނަށް އިތުރުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިން އަތުން މަސް ގަނެ، މިހާތަަނަށް 3.85 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށާއި، މި ޢަދަދަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން ފައިސާ ދޫކޮށްފައި ނުވާކަމަށެވެ. ރާއްޖެއިން އެންމެ ގިނަ ޢަދަދެއްގެ މަސް ބޭރުކުރަނީ އިނގިރޭސިވިލާތަށާއި، ޔޫރަޕިއަން ޔޫނިއަންއަށްކަމަށާއި، އެފަރާތްތަކާއެކު ކުރެވޭ މަޝްވަރާތަކާއެކު މަހުން ނަގާ ޑިއުޓީ ވަރަށް އަވަހަށް ކަނޑާލާ މަސްވެރިންނަށް ސަރުކާރުން ދޭ އަގު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފީއަލީގެ ރައްޔިތުން ބޭނުންވާގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އެގޮތުން ފީއަލީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާއިރު ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމުމަކާއި ގާތްވެފައިވާކަމަށާއި، ސްކޫލްގެ ސައިންލެބްގެ މަސައްކަތްވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި، އިންޑޯ ވޮލީ ކޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށް ހިންގެވި ގިނަ މަޝްރޫޢުތަކެއްގެ ބަދަލު ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ފެންނާނެކަމަށެވެ.

"ރައްޔިތުން އެދޭ ހެޔޮ ބަދަލު އަޅުގަނޑުމެން ގެންނާން. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ރަށުގައި ތިބެގެން ފޯރުކޯށްދެވޭނެގޮތަށް ދިނުމަށް އަޅުގަނޑުމެން ތިބޭފުޅުން އެދޭ ބަދަލާއެކު ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން" ރައީސް ވިދާޅުވިއެވެ.

ރައިސްގެ ވާހަކަފުޅުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތައް ކުރިއަށްދާކަން ފާހަގަކުރައްވަމުން ވިދާޅުވީ، ނޮވެމްބަރުމަހުގެ ކުރިން 28 ރަށެއްގައި އައު އިންޖީނުގެ ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދެއްވަން ފަށްޓަވާނެކަމަށެވެ. އަދި ކުރިއަށް އޮތް 3 މަހެއްހާ ދުވަހުގެ ތެރޭގައި ތަޢުލީމީ ދާއިރާއިން ހިންގަވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ނިމޭނެކަމަށެވެ. މީގެއިތުރުން ފެނާއި ނަރުދަމާގެ މަޝްރޫޢު 122 ރަށުގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޖުލައިމަހުގެ ތެރޭގައި ގިނަ ރަށްރަށުގައި އެ މަސައްކަތް ނިންމަވާ ޚިދުމަތް ފެށޭނެކަމަށެވެ.