ދުނިޔޭގެ ވިޔަފާރި

އީޔޫގެ ޕްރައިވެސީ ގާނޫނުތަކާ ހިލާފުވުމުން މެޓާއަށް 1.3 ބިލިއަން ޑޮލަރުގެ ޖޫރިމަނާއެއް


ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު އެމެރިކާގެ ސާރވަތަކަށް ފޯރުކޮދީފައިވާކަމަށް ބުނެ ޔޫރަޕިއަން ޑާޓާ ޕްރޮޓެކްޝަން ބޯޑުން ފޭސްބުކްގެ ބެލެނިވެރި ކުންފުނި، މެޓާ 1.3 ބިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

އެ ބޯޑުން ހޯމަދުވަހު ނެރުނު ބަޔާނެއްގައިވާގޮތުން އައިރިޝް ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަނުން މިހާރު އަންނަނީ މި މައްސަލަ ބަލަމުންނެވެ.

މިއީ ޕްރައިވެސީ ގާނޫނުގެ ދަށުން މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު ޖޫރިމަނާއެވެ. މި ގާނޫނުގެ ދަށުން މީގެކުރިން އެންމެ ބޮޑު ޖޫރިމަނާއެއްކޮށްފައި ވަނީ އެމެރިކާގެ އީ ކޮމާރސް ކުންފުނި އެމެޒޯންއަށެވެ. އެމެޒޯން ޖޫރިމަނާކޮށްފައި ވަނީ 805.7 މިލިއަން އެމެރިކާ ޑޮލަރުންނެވެ.

ފޭސްބުކް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ސާރވާއަށް ފޯރުކޮށްދިނުން 6 މަސް ދުވަހުގެ ތެރޭގައި ހުއްޓާލުމަށްވެސް ބޯޑުން ވަނީ މެޓާއަށް އަންގާފައެވެ. ނަމަވެސް މިކަމަށް މެޓާއިން އިންކާރުކުރެއެވެ. އަދި މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެކަމަށްވެސް މެޓާއިން ވަނީ ބުނެފައެވެ.

ޔޫރަޕްގެ އެތައް މިލިއަން މީހުން ފޭސްބުކް ބޭނުންކުރަމުން އަންނައިރު މި މައްސަލައާއި ހެދި ފޭސްބުކް ބޭންކުރުމަށް ބުރުލެއް ނާރާނެކަމަށް މެޓާއިން ބުނެއެވެ.

ގޫގުލް އަދި ފޭސްބުކް ފަދަ ޓެކް ކުންފުނިތައް މެދުވެރިކޮށް އާންމުންގެ ޒާތީ މައުލޫމާތުތައް އެމެރިކާގެ އެކި މުއްސަސާތަކުން ތަކުރާރުކޮށް ބަލާފައިވާކަމަށް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އޭޖެންސީގެ ކުރީގެ ކޮންޓްރެކްޓަރ އެޑްވާރޑް ސްނޯޑެން އާއި ހަވާލާދީ މީޑިއާތަކުން މީގެކުރިން ވަނީ ރިޕޯޓުކޮށްފައެވެ.