ކޯވިޑް-19ގެ އަސަރުކޮށްފައިވާ އަމިއްލަ ވިޔަފާރިތަކަށް އެހީތެރިވެދެއްވުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރައްވައިފައިވާކަމަށް ޖޮބް ސެންޓަރުން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ސަބަބުން ނުރަނގަޅު އަސަރުކުރި ވިޔަފާރިތަކަށް މާލީ އެހީ ދެއްވުމަށް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަވާ ޖޮބް ސެންޓަރުން ވަނީ "ސެލްފް އެންޕްލޯއިޑް ސަޕޯޓް ޕްރޮގްރާމް"ގެ ނަމުގައި ޚާއްޞާ ޕްރޮގްރާމެއް ފަށްޓަވައިފައެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ދެ ފަހަރެއްގެ މަތިން ވަނީ އަމިއްލަ ވިޔަފާރިތަކަށް ފައިސާގެ އެހީ ވަނީ ދެއްވައިފައެވެ. އަދި މިހާރު ވަނީ ތިންވަނަ ފަހަރަށް އެ ފުރުޞަތު ހުޅުއްވައިލައްވައިފައެވެ.
ޖޮބް ސެންޓަރުން ވިދާޅުވީ މި ޕްރޮގްރާމްގެ އެންމެ މުހިންމު އެއް ބޭނުމަކީ އަމިއްލަ މަސައްކަތްކުރާ ވަރަށް ގިނަ ވިޔަފާރިތަކެއްގެ މަސައްކަތް ކޯވިޑް 19 އާ ގުޅިގެން ހުއްޓި ނުވަތަ ކުރިއަށް ގެންދެވޭގޮތް ނުވުމުން އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުން ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން އެ ވިޔަފާރިތައް އަލުން ފެށުމަށް ނުވަތަ ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދެއްވާނެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޖޮބް ސެންޓަރގެ ޕްރޮޖެކްޓް ކޯޑިނޭޓަރ ފާޠިމަތު މީޝަން އިސްމާޢީލް ވިދާޅުވީ، އަމިއްލަ ވިޔަފާރިތަކަށް އެހީތެރިވެދެއްވަން ހިންގަވާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 250 ވިޔަފާރިއަކަށް އެހީތެރިވެދެއްވައިފައިވާ ކަމަށެވެ.
"މިހާތަނަށް 250 ފަރާތަކަށް ވަނީ މި ޕްރޮގްރާމްގެ ދަށުން ގްރާންޓް ފައިސާ ދޫކުރެވިފައި. %78 އަށްވުރެ ގިނަ ބައިވެރިންނަކީ މިހާތަނަށް ދޫކުރެވިފައިވާ ބައިވެރިންގެ ތެރެއިން އަންހެން ބޭފުޅުން. ޖުމްލަ ޢަދަދަކަށް ބަލާއިރު މިއީ ގާތްގަނޑަކަށް 9 މިލިއަން ރުފިޔާ. ދެން އަޅުގަނޑުމެންގެ ޓީމުން މިހާރު ޕްރޮސެސްކުރަމުން އެބަދޭ 200 އަށްވުރެ ގިނަ އެޕްލިކޭޝަން." މީޝަން ވިދާޅުވިއެވެ.
ޖޮބް ސެންޓަރުން ވަނީ މާލީ އެހީތެރިކަން ބޭނުންވާ ވިޔަފާރިިތަކުން އެކަމަށް އެދުމަށް އަނެއްކާ ވެސް ފުރުޞަތު ހުޅުއްވައިލައްވައިފައެވެ.
• އަތްތެރި މަސައްކަތް
• ބިއުޓީ އަދި މޭކަޕްކުރުން
• ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
• ފެހުން އަދި ޓެކްސްޓައިލްސްގެ މަސައްކަތް
• އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
• ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
• ކުޅިވަރު އަދި ފިޓްނަސް
މި ބުރުގައި ޖުމްލަ 500 ފުރުޞަތު ވަނީ ހުޅުއްވައިލައްވައިފައެވެ. މި އެހީއަށް ޝަރުތު ހަމަވާ ފަރާތްތަކަށް 60,000 ރުފިޔާއާ ހަމައަށްވާ ފައިސާގެ ޢަދަދެއް ގްރާންޓުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެހީ ލިބުމުގެ ޝަރުތެއްގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ދެއްވާ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރުން ހިމެނެއެވެ.
• ރާއްޖޭގައި ދިރިއުޅޭ މީހަކަށްވުން.
• އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހަކަށްވުން.
• އަމިއްލަ ނަމުގައި ދިވެހި ރުފިޔާގެ އެކައުންޓެއް ހުޅުވައިފައިވުން.
• 30 ސެޕްޓެމްބަރ 2022 އާ ހަމައަށް ފާއިތުވި 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއްކަމުގައިވުން.
• އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ 4 ހަފްތާގައި މުސާރަލިބޭ ވަޒީފާއެއް އަދާކުރާ ފަރާތަކަށް ނުވުން ނުވަތަ ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ނުވުން.
މި ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ، މިމަހުގެ 31 ވާ ބުދަ ދުވަހެވެ. މި އެހީއަށް އެދުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.