ރާއްޖޭގެ ދެކުނުގައި މަސްބަންދުކުރާ 2 ކާރުޚާނާ އެޅުއްވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިިނިސްޓަރ މިހެން ވިދާޅުވީ މިފްކޯގެ "ޖަޒީރާ 103" ބޯޓުން މަސްކިރަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދެކުނުގައި އަލަށް އަޅަން ނިންމެވި ދެ ކާރުޚާނާއަކީ ވޯލްޑް ބޭންކުގެ އެހީގެ ދަށުން އަޅުއްވާ ކާރުޚަނާތަކެކެވެ.
ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަޙައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމަށާއި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ވާދަވެރިކަން އިތުރުކުރުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ވަނީ 64.8 މިލިއަން ޑޮލަރުގެ މަޝްރޫޢެއް މިމަހުގެ 17 ވަނަ ދުވަހު ފާސްކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ރާއްޖެއަށް 52.8 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވޯލްޑް ބޭންކުން ވަނީ ނިންމާފައެވެ. ރާއްޖެއަށް ދިނުމަށް ނިންމި ފައިސާގެ އޭގެ ތެރޭގައި ހިލޭ އެހީއާއި ލޯނުގެ ގޮތުގައި ދިން ފައިސާ ވެސް ހިމެނެއެވެ. އަދި ބާކީ 12 މިލިއަން ޑޮލަރު ހަރަދުކުރާނީ ހުޅަނގު ދެކުނު އިންޑިއާ ކަނޑުގައި ހިމެނޭ އެހެން ޤައުމުތަކަށެވެ.
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، ވޯލްޑް ބޭންކުން ދޭ ފައިސާއިން ދެކުނުގެ މަސްވެރިކަމަށް ރަނގަޅު މަޝްރޫޢުތަކެއް ހިންގަވަން ނިންމަވާފައިވާ ކަަމށެވެ. އެގޮތުން މި ފައިސާއިން ދެކުނުގައި މަސްބަންދުކުރާ 2 ކާރުޚާނާ އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި، ވަރަށް އަވަހަށް މިކަމުގެ ބިޑަށް ހުޅުވާލައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި ޕްރޮޖެކްޓްގެ ދަށުން ދެކުނުގެ މި ސަރަހައްދަށް ދުވާލަކު 25 ނުވަތަ 50 ޓަނުގެ މަސް ބަންދުކުރެވޭ 2 ފެކްޓްރީ އެޅުމަށް ބޭނުންވާ ފައިސާގެ %30 ގްރާންޓްގެ ގޮތުގައި އެކަމަށް އެދޭ އަމިއްލަ ފަރާތަކަށް ފޯރުކޮށްދޭން އޮތީ ނިންމާފައި. މި ފައިސާ މިހާރު ހުރީ ނިމިފައި. އަޅުގަނޑުމެންނަށް މި މަސައްކަތް މިހާރުވެސް ފެށިދާނެ. ގްރާންޓްގެ ގޮތުގައި ލިބެނީ ފެކްޓްރީ އަޅަންދާ ޖުމްލަ ހަރަދުގެ %30 އަނެއް %70 ޖެހޭނީ އެކަމަށް އެދޭ އަމިއްލަ ފަރާތަކުން ޖެހޭނީ ކުރަން." މިނިސްޓަރ ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓަރ ވިދާޅުވީ، އެ ސަރަޙައްދުގައި ފެކްޓްރީ އަޅަން ބޭނުންވާ ފަރާތްތައް އެބަހުރިކަމަށެވެ. އެކަމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އާއި ބައްދަލުކުރުމަށް މިނިސްޓަރ ވަނީ އެދިވަޑައިގަންނަވާފައެވެ.
ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ރާއްޖެއިން ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރާ މަހުގެ ޢަދަދު މަދުކުރެއްވުމަށެވެ. ސަބަބަކީ ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރާމަހުން ރާއްޖެއަށް އެންމެ ރަނގަޅު ފައިދާއެއް ނުހޯދޭތީއެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ފަށްޓަވާފައިވަނީ ވެލިއު އެޑްކުރެއްވުމަށްފަހު ނުވަތަ އަގު އެއްކުރުމަށްފަހު އެކްސްޕޯޓްކުރެއްވުމަށެވެ. އަލަށް ޤާއިމްކުރައްވާ މަސްބަންދުކުރާ 2 ކާރުޚާނާއަކީ ވެސް މި މަސައްކަތަށް ފަހިކުރެއްވުމަށްޓަކައި އަޅުއްވާ 2 ކާރުޚާނާއެވެ.