ޚަބަރު

އަސަދު ވެރިކަމުން ދުރުވާންޖެހޭ - ޢާދިލް އަލް ޖުބެއިރު


ސޫރިޔާއަށް ސުލްޙަ ގެނައުމުގެ މަސައްކަތް ފެށުމާއެކު ރައީސް ބައްޝާރުލްއަސަދު އެގައުމުގެ ވެރިކަމުން ދުރުވެ ވަޑައިގަންނަވަން ޖެހޭނެކަމަށް ސައޫދީ އަރަބިޔާއިން ބުނެފިއެވެ. 

ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ފަރަންސޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ޕެރިހުގައި ދެއްވި ބަޔާނެއްގައި ވިދާޅުވީ އަސަދަށް ސޫރިޔާގެ ވެރިކަމުގައި ނުހުންނެވޭނެ ކަމަށެވެ. މިގޮތުން ސޫރިޔާއަށް ސުލްޙަ ގެނައުމުގެ މަސައްކަތް ފެށުމާއެކު އަސަދު މަގާމުން ދުރުވެ ވަޑައިގަންނަވަން ޖެހޭނެކަމަށާ އޭނާ ވެރިކަމުން ދުރުވެވަޑައިގަތުމަށް ގިނަވެގެން ނަގާނީ އަށާރަ މަސްކަމަށްވެސް އާދިލްއަލްޖުބައިރު ވިދާޅުވިއެވެ. ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް މިމަހުގެ ހަތްވަނަ ދުވަހު ޖެނީވާގައި ފެށުމަށް ހަމަޖެހިފައިވާއިރު ސައޫދީގެ ތާއީދު ލިބިފައިވާ ސޫރިޔާގެ އިދިކޮޅު ފަރާތްތައް އެދެމުންދަނީ އަސަދު ވެރިކަމުގެ ބަދަލުގައި ސޫރިޔާގައި އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށެވެ. ނަމަވެސް ސޫރިޔާގެ އިދިކޮޅު ފަރާތްތައް ތިބީ އެމީހުން ބޭނުންވާ ހައްލެއް ގެނައުމަށް އަސަދުގެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރެވޭވަރަށްވުރެ އަސްކަރީ ގޮތުން ބަލިކަށި ޙާލަތެއްގައި ކަމަށް ޚަބަރު ލިބެއެވެ.