ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ އިޤްތިޞާދު މިއަހަރު %2.3 ކުރިއަރާނެކަމަށް ލަފާކުރެވޭ: އދ


ދުނިޔޭގެ އިގްތިޞާދު މިއަހަރު 2.3 އިންސައްތަ ކުރިއަރާނެކަމަށް އދ.ގެ ޑިޕާރޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއަރޒުން ލަފާކޮށްފިއެވެ.

އަންގާރަ ދުވަހު އާންމުކޮށްފައިވާ ވޯރލްޑް އިކޮނޮމިކް ސިޓުއޭޝަން އެންޑް ޕްރޮސްޕެކްޓް ރިޕޯޓުގައި އދ.ގެ ޑިޕާރޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއަރޒުން ބުނީ މިއަހަރު ދުނިޔޭގެ އިގްތިޞާދު މިއަހަރު 2.3 އިންސައްތަ ކުރިއަރާނެކަމަށް ލަފާކުރެވޭއިރު، މިއީ ޖެނުއަރީމަހު ލަފާކޮށްފައިވާ އަންދާޒާތަކަށްވުރެ %0.4 އިތުރު އަދަދެއްކަމަށެވެ.

އަންނަ އަހަރު ދުނިޔޭގެ އިޤްތިސާދު 2.7 އިންސައްތަ ކުރިއަރާނެކަމަށް ކުރިން ލަފާކުރިޔަސް، އެ ލަފާކުރުންތައް މިހާރު ވަނީ 2.5 އިންސައްތައަށް ދަށްކޮށްފައެވެ.

ކޯވިޑަށްފަހު އިޤްތިޞާދީ ކުރިއެރުންތައް ލިބެމުންދިޔަނަމަވެސް، އިޤްތިޞާދު ކުރިއަރާ މިންވަރު ހުރީ ކޯވިޑްގެ ކުރިން އެ ދުވެލި ހުރި 3.1 އިންސައްތައަށްވުރެ ދަށުގައެވެ.

އެމެރިކާ، ޗައިނާ އަދި ޔޫރަޕް އިއްތިހާދުފަދަ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ގައުމުތަކުގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާކަމަށް މި ރިޕޯޓްގައިވެއެވެ. އެގޮތުން އެމެރިކާގެ އިގްތިސާދީ މި އަހަރު %1.1 އަދި ޔޫރަޕް އިއްތިހާދުގެ އިޤްތިޞާދު %0.9 އަދި ޗައިނާގެ އިޤްތިޞާދު %5.3 ކުރިއަރާނެކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް ދަރަނި ހޯދުމަށް ހުރި ދަތިތަކާއި ބޭރުން ފައިނޭންސް ހޯދުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދީ ހާލަތު އިތުރަށް ގޯސްވަމުން އަންނަކަމަށެވެ.

ރިޕޯޓްގައިވާ ގޮތުން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދީ ދުވެލި މިއަހަރު ކުރިއަރާނެކަމަށް ލަފާކުރަނީ %4.1އެވެ. އަދި އަންނަ އަހަރު މި އަދަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ %5.2ގައެވެ. މިއީ 2030 ވަނަ އަހަރުގެ އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގައި ކަނޑައަޅާފައިވާ %7 ގެ ކުރިއެރުމުގެ އަމާޒަށް ވުރެ ދަށް އަދަދެއްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.