ވިޔަފާރި

"ޖަޒީރާ 103" ބޯޓު އޮޕަރޭޝަނަށް؛ ދުވާލަކު 120 ޓަނުގެ މަސް ކިރުވޭނެ


މިފްކޯގެ މަސްކިރުވުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެނައި "ޖަޒީރާ 103" ބޯޓަށް މަސްކިރަން ފަށައިފިއެވެ.

މި ބޯޓު ބޭނުންކުރަން ފަށާފައިވަނީ މިކަމަށްޓަކައި މިއަދު ގދ. ފަރެސްމާތޮޑާއި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ.

މި ބޯޓަކީ ދުވާލެއްގެ މައްޗަށް 120 ޓަނުގެ މަސް ކިރުވުމުގެ ކެޕޭސިޓީ ހުރި ބޯޓެކެވެ. މި ބޯޓު ރާއްޖެ އައިސްފައިވަނީ މިދިޔަ އޭޕްރީލް މަހުއެވެ.

މި ބޯޓުން މަސް ކިރުވަން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ރާއްޖޭގައި މަސްވެރިކަން އެންމެ ރަނގަޅީ ރާއްޖޭގެ ދެކުނަށްކަމަށެވެ. އެގޮތުން ދެކުނުގެ މަސްވެރިން ބާނާ މަސްކޮޅު ކިރަން، ކޫއްޑޫއަށް ދާން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެއް ކަމަށާއި މިކަމަށް އެ މަސްވެރިން ބޮޑު ހޭދައެއްވެސް ކުރަންޖެހޭކަމަަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ދެކުނުގައި ފަސޭހައިން މަސް ކިރޭނެ ގޮތްވުމަކީ މަސްވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ކޫއްޑޫއަށް 900 ޓަނުގެ މަސް ކިރަން ދޯނިތަކުން އަންނަކަމަށާއި ނަމަވެސް ބައެއް ފަހަރު މަސް ކިރޭނެ އިންތިޒާމް ނެތުމުގެ ސަބަބުން މަސްވެރިންގެ ކަންބޮޑުވުން މިކަމުގައި އޮންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެކަން އެގޮތަށް ދިމާވަނީ މީގެކުރީގެ ސަރުކާރުތަކުން އެކަންކަން ތަރައްޤީކުރުމަށް މަސައްކަތްކޮށްފައި ނެތުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މީގެކުރިން އެއްވެސް ސަރުކާރަކުން މަސްވެރިކަމަށް އިންވެސްޓްކޮށްފައިނުވާ މިންވަރަށް މި ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމަށް އިންވެސްޓްކޮށްފައިވާކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރުގެތެރޭ ގާތްގަނޑަކަށް 880 ޓަނު ކޫއްޑޫގެ އެއްގަމަށް ކިރޭވަރުގެ ކެޕޭސިޓީ މިފްކޯއިން ޤާއިމްކުރާނެ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް. މިދައްކަނީ ބޯޓަށް މަސްކިރާ ވާހަކައެއް ނޫން ކޫއްޑޫގެ ބަނދަރަށް މަސްކިރާ ވާހަކަ. އެހެންވީމަ މި ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމަށް މަސްވެރިން ބާނާ މަސް ކިރުމަށް ސަމާލުކަންދޭ. އެކަމަށް ޝައްކު އުފައްދާ މީހުން އެ ދައްކަނީ ދޮގުވާހަކަ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދުމަށް މިހާރު ހުރި ދަތިތައް ނައްތާލުމަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ. އެގޮތުން ބާނާ މަހަކީ ތާޒާކޮށް ރައްކާކުރެވޭ މަހަށް ހެދުމަށް އައިސް ޕްލާންޓްތައް ޤާއިމްކުރުމާއި އަދި މަސް ދޯނިފަހަރުގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމުގެ މަސައްކަތަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން މިހާރުވެސް ފެލިވަރާއި ކޫއްޑޫގައި ތަރައްޤީގެ މަސައްކަތްތައް ދަނީ ކުރިއަށް ގެންދަވަމުންނެވެ.