ވިޔަފާރި

ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދުމަށް އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް އެއަރޕޯޓްތަކަށް


ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެ މަސައްކަތަށް ހާއްސަ ހާއްސަކޮށްގެން ސަރުކާރުން ވަނީ ބައެއް ކުންފުނިތައްވެސް އުފައްދަވާފައެެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީ.ސީ.ސީއެވެ. މިއީ އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް އެކަށައަޅާ ސިޔާސަތުތަކާއި އެ ވިޔަފާރިތަކާއި ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ވިލަރެސްކޮށް، ރާވައި، ހިންގުމަށްޓަކައި އުފައްދަވާފައިވާ ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާވާ ކުންފުންޏެކެވެ.

އެކުންފުނިން ދަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމުގެ ޚިދުމަތްދޭ މަރުކަޒުތައް، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ޤާއިމްކުރައްވަމުންނެވެ.

ބީސީސީގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކަކީވެސް ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމަށް އެ ކުންފުނިން ހިންގާ ފިހާރަތަކެކެވެ. އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކާއެކު މީގެކުރިން އުފެއްދުންތައް މާކެޓް ނުކުރެވި ތިބި ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތު ފަހިވެގެން ދިޔައެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފުރަތަމަ ފިހާރަ ހުޅުވާފައިވަނީ 2020 ވަނަ އަހަރު ވީއައިއޭގެ ޑިއުޓީ ފްރީގައެވެ. އެންމެ ފުރަތަމަ ފެށީ 57 ސަޕްލަޔަރުންނާއިއެކުގައެވެ. ނަމަވެސް މިހާރު 225 އަށްވުރެ ގިނަ ސަޕްލަޔަރުންގެ އުފެއްދުންތައް އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގައި ދަނީ ވިއްކަމުންނެވެ.

އޮތެންޓިކް މޯލްޑިވްސްގެ މިހާރު ހުރީ 4 ފިހާރައެކެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ފްރީގައި ހުރި ފިހާރައާއި، މާލޭގައި ހުރި ފިހާރައަކާއި ކުޑަވިލިނގިލި ރިސޯޓް، އަދި ކްރޮސްރޯޑް މޯލްޑިވްސްގައި ހުޅުވާފައިވާ ފިހާރައެވެ.

ބީސީސީން މިހާރު ތައްޔާރުވަމުންދާއިރު ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވުމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑިރެކްޓަރ އޮތެންޓިކް މޯލްޑިވްސް، މުހައްމަދު ޖައުޝަން ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސްގެ ސަޕްލަޔަރުން އިތުރުވަމުންދާ މިންވަރަށް ބަލައި ވީހާވެސް ގިނަ ސަރަހައްދުތަކެއްގައި އެތަނުގެ ތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށެވެ.

އެގޮތުން ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި އެ ފިހާރައިން ދެކުނުގެ ވިޔަފާރިވެރިންގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އަންނަ ޖޫންމަހު އެތަން ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ އިތުރުން އުތުރުން މާފަރު އިންޓަނޭޝަނަލް އެއަރޕޯޓްގައިވެސް އޮތެންޓިކް މޯލްޑިވްސްގެ އައުުޓްލެޓެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޖައުޝަން ވިދާޅުވިއެވެ. މި 2 އެއަރޕޯޓަކީވެސް އިންޓަނޭޝަނަލް އެއަރޕޯޓްތަކަކަށްވެފައި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިއުމުގެ ސަބަބުން ދިވެހި އުފެއްދުންތަކަށް އިތުރު މާކެޓްތައް ލިބިގެންދާނެކަން ޖައުޝަން ފާހަގަކުރެއްވިއެވެ.

”ހަމައެކަނި ދެކުނުގެ އުފެއްދުންތެރިންގެ ޕްރޮޑަކްޓްސް އެކަންޏެއް ނޫން ރާއްޖޭގެ ކޮންމެ ހިސާބަކުން އުފައްދާ އުފެއްދުންތެރިންގެ ޕްރޮޑަކްޓަށްވެސް އަޅުގަނޑުމެން އެބަ ފުރުސަތު ދެން. ކޮންމެ ފިހާރައެއްގައި ވިއްކުމުގެ ފުރުސަތުވެސް. އައްޑޫއިން ތަކެތި އުފައްދާ ފަރާތްތައް އަދި ދެކުނުގެ ވިޔަފާރިވެރިންގެ ތަކެތި އެތަނަށް ސަޕްލައިކުރުމުގެ ފުރުސަތު އަޅުގަނޑުމެން މިހާރުވެސް ވަނީ ހުޅުވާލާފައި. އޮތެންޓިކް މޯލްޑިވްސް ގޭން އައުޓްލެޓް އަޅުގަނޑުމެން މިބަލަނީ ޖޫންމަސް ތެރޭގައި އެއްކޮށް ނިންމައި ހިދުމަތްދޭން ފެށޭނެކަމަށް.” ޖައުޝަން ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުޅުވާ އޮތެންޓިކް މޯލްޑިވްސްގެ ފިހާރަ ހުންނާނީ މާލޭގައި ހުރި ފިހާރައެކޭ އެއްގޮތަށް ކެފޭއަކާއެކުއެވެ. މިތަނުގައި ތަކެތި ވިއްކުމަށް މިހާރުވެސް 137 ވިޔަފާރިއަކުން ރަޖިސްޓްރީކޮށްފައިވާކަމަށާއި އޭގެތެރޭގައި ދެކުނުގެ 50 ވިޔަފާރިވެރިން ހިމެނޭކަމަށްވެސް ޖައުޝަން ވިދާޅުވިއެވެ. މި ފިހާރައިގައި ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކަށް މިހާރުވެސް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

ޖައުޝަން ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސްގައި ތަކެތި ވިއްކާ ސަޕްލަޔަރުން އިތުރުވަމުން އަންނައިރު މި ޕްރޮޑަކްޓްތަކަކީ މިހާރު އާންމުންވެސް ބަލައިގަނެފައިވާ އުފެއްދުންތަކަކަށް ވެފައިވާކަމަށެވެ. އެގޮތުން ފަތުރުވެރިންގެ އިތުރުން ދިވެހިންވެސް މި އުފެއްދުންތައް ގަންނަ މިންވަރު އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެން ފަށައިގަތްއިރު ބޮޑަށް ފޯކަސް ކުރެވިފައި މިވަނީ ޓޫރިސްޓް މާކެޓަށްކަމުގައިވީނަމަވެސް ދިވެހިންވެސް މިހާރު ހަމަ ދިވެހި އުފެއްދުންތައް ބަލައިގަނޭ. މާލެ ފިހާރައަށް ބަލާލިކަމުގައިވިއަސް މާލެއިންވެސް ވަރަށް ގިނަ ތަކެތި އެބަ ބައްލަވައިގަނޭ.” ޖައުޝަން ވިދާޅުވިއެވެ.

އޮތެންޓިކް މޯލްޑިވްސްއިން މިހާތަނަށް ވަނީ އެ ކުންފުންޏާއި ގުޅިގެން ތަކެތި ވިއްކާ ސަޕްލަޔަރުންނަށް 42 މިލިއަން ރުފިޔާ ދޫކޮށްފައެވެ. ބީސީސީއިން ބުނީ ފިހާރައެއް ނުހުޅުވި ނަމަވެސް ރާއްޖޭގެ ރިސޯޓްތަކާއި ވާހަކަދައްކައިގެން ދިވެހި އުފެއްދުންތައް ފަތުރުވެރިންނަށް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައިވެސް ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް އަންނަނީ ބީސީސީން ވިއްކަމުުންނެވެ. އެގޮތުން މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ވަނީ ޖަޕާނުގެ ނަރީޓާ އެއަރޕޯޓާއި އަދި ކަންސައި އެއަރޕޯޓުގައި ދިވެހި އުފެއްދުންތައް ވިއްކޭނެ އިންތިޒާމް ހަމަޖައްސާފައެވެ.