ވިއްސާރަ މޫސުމުގައި ގދ.ތިނަދޫގައި ފެންބޮޑުވާ މައްސަލަ ހައްލުކުރެއްވުމަށް ސަރުކާރުން ތިނަދޫގައި ޤާއިމުކުރެއްވި ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފިއެވެ.
ގދ. ތިނަދޫގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހަވާލުކުރައްވާފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްއާއެވެ.
7400 މީހުންގެ އަބާދީއެއް އޮންނަ ގދ. ތިނަދޫގެ ފެން ހިންދާ ނިޒާމްގެ މަސައްކަތް ސެނޮކް ޓްރޭޑް ކުންފުންޏާއި ހަވާލުކުރެއްވީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހުއެވެ. ނަމަވެސް، މި މަސައްކަތް ނިންމުން ލަސްވެގެންދިޔައީ ކޯވިޑް 19ގެ ސަބަބުންނާއި ޕްރޮޖެކްޓް ޑިޒައިނަށް ބައެއް ބަދަލުތައް ގެންނަން ޖެހުމުންކަމަށެވެ.
މި މަސައްކަަތަށް ގެންނެވި ބަދަލުތަކުގެ ސަބަބުން ފެން ހިންދާ ނިޒާމުގެ ވިއުގައި ރަށުގެ އެކި ސަރަޙައްދުތަކަށް އަޅާ، ޕަމްޕް ސްޓޭޝަންތައް ވަނީ ބަހައްޓާފައެވެ. މިދިޔަ ހޮނިހިރުދުވަހު، އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ވަނީ މި ޕްރޮޖެކްޓްގެ ދަށުން ޤާއިމުކުރި ފެން ހިންދާ ވިއުގަ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
ހުވަދޫ އަތޮޅުގައި އޮންނަ އެންމެ އާބާދީ ބޮޑު އެއް ރަށްކަމަށްވާ ތިނަދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވަނީ 16.8 މިލިއަން ރުފިޔާއެވެ.
ތިނަދޫއަކީ ވިއްސާރަ ދުވަސްވަރު، މަގުތަކުގައި ފެން ބޮޑުވެ އަދި ގިނަ ވަގުތު ފެން ނުހިނދި އޭގެ ތަކުލީފު ރައްޔިތުންނަށް ކުރިމަތިވަމުންދާ ރަށެއްކަމުން މި ޕްރޮޖެކްޓާއެކު، ފެންބޮޑުވުމުން އެ ރަށު ރައްޔިތުންނަށް ކުރިމަތިވަމުންދިޔަ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ.
ފެންހިންދާ ވިއުގަ ޤާއިމުކުރުމުގެ އިތުރުން، ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ. މި ޕްރޮޖެކްޓްގައި ތިނަދޫގެ 6.5 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ. މީގެތެރޭގައި ތިނަދޫގެ 14 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ.
ތިނަދޫގައި މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެރަށުގައި 9.2 ކިލޯމީޓަރުގެ މަގުގައި މީގެކުރިންވެސް ތާރު އަޅައިގެން ވަނީ ތަރައްޤީކޮށްފައެވެ.