ސްޓްރީމިންގް ޕްލެޓްފޯމު ނެޓްފްލިކްސްގެ ހަރަދުތަކުން 300 މިލިއަން އެމެރިކާ ޑޮލަރު މަދުކުރުމަށް އެ ކުންފުނިން ނިންމާފައިވާކަމަށް ވޯލް ސްޓްރީޓް ޖާރނަލްއިން ރިޕޯޓުކޮށްފިއެވެ.
ހަބަރުތައް ބުނާގޮތުން ނެޓްފިލިކްސްއިން ވަނީ ވަޒީފާގެ މާހައުލުގައި ވީހާވެސް ހަރަދު ކުޑަކޮށް މަސައްކަތް ކުރުމަށް ކުންފުނީގެ މުވައްޒަފުންނަށް އަންގާފައިކަމަށް އެ ރިޕޯޓުގައިވެއެވެ. އަދި ވަޒީފާތަކަށް މީހުން ނެގުމާއި މީހުން މަދުކުރުންވެސް މި ވަގުތަށް މަޑުޖައްސާލާފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
މިކަމާއި ގުޅޭގޮތުން ނެޓްފްލިކްސްއިން ރަސްމީކޮށް ވާހަކަދައްކާފައެއް ނުވެއެވެ.
ހަރަދުކުޑަކުރުމަށް މަސައްކަތްކުރަމުންދާއިރު، މިދިޔަ ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް ވަނީ ލަފާކުރި ވަރަށްވުރެ ބޮޑު ކުރިއެެރުމެއް ލިބިފައެވެ. ނަމަވެސް ކުންފުންޏަށް ލިބިފައި ވަނީ މާބޮޑު ކުރިއެރުމެއް ނޫނެވެ.
ދެވަނަ ކުއާޓަރުގައި ރަނގަޅު ބަދަލެއް ގެނައުމަށްޓަކައި ޕާސްވޯޑް ހިއްސާކުރުން ހުއްޓުވުމުގެ ސްޓްރެޓެޖީ ތައާރަފްކުރުންވެސް ދެވަނަ ކުއާޓަރަށް ވަނީ ލަސްކޮށްފައެވެ.
މާކެޓް ރަނގަޅުކުރުމުގެ ގޮތުން ނެޓްފްލިކްސް އަންނަނީ ޕާސްވޯޑް ކްރެކިން އާއި އާ އެޑް ސަޕޯޓެޑް ހިދުމަތް ތައާރަފްކުރުން ފަދަ އެހެނިހެން ގޮތްގޮތުން އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މުވައްޒަފުން މަދުކުރުމުގެ ދެވަނަ ބުރުގެ ދަށުން މިދިޔަ ޖޫންމަހު ނެޓްފްލިކްސްއިން ވަނީ 300 ވަޒީފާވެސް މަދުކޮށްފައެވެ. އެއީ ކުންފުނީގެ ޖުމްލަ މުވައްޒަފުންގެ ގާތްގަނޑަކަށް %4 އެވެ.