ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާއި ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ 53 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރައްވައިފިއެވެ.
އާރަށުގެ މައްސަލާގައި މަނީލޯންޑަރިންގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ 11 އަހަރުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އިއްވެވީ 25 ޑިސެމްބަރު 2022ގައެވެ. ނަމަވެސް އެ މައްސަލާގައި ރައީސް ޔާމީން ލޯންޑަރކުރިކަމަށް ބުނާ 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ހަ މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ޢަމުރު ނެރުއްވީ އޭގެ ދެމަސް ދުވަސް ފަހުން 26 ފެބުރުއަރީ 2022ގައެވެ. ޖިނާއީ އިޖުރާޢަތުގެ ޤާނޫނު ބަޔާންކުރާ ގޮތުގައި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ، ޙުކުމްކުރާ ވަގުތު ދަޢުލަތަށް ނަގަން ޙުކުމް ކުރަންޖެހެއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ޢަމުރު އިސްތިއުނާފްކުރެއްވުމުން، ހައި ކޯޓުން ވަނީ އެ ޢަމުރު ބާޠިލު ކުރައްވާފައެވެ. ހައިކޯޓުން އިއްވި ހުކުމުގައި ވަނީ އާރަށުގެ މައްސަލައިގައި ހުކުމް ކުރި ފަހުން، މާފަހުގެ މަރުހަލާއެއްގައި ފައިސާ ދައްކަން ޢަމުރު ނެރުމަކީ ޤާނޫނާއި ޚިލާފު ކަމެއްކަމަށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ރައީސް ޔާމީން ކުށްކޮށްގެން ހޯދި ކަމަށް ބުނާ އެފައިސާ ދައުލަތަށް ނެގުމަށް، ކްރިމިނަލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި ނެތުމުން، ޙުކުމުގެ އެބައި ހައި ކޯޓުގައި އިސްތިއުނާފް ކުރައްވާފައިވާކަމަށެވެ.
ރައީސް ޔާމީން ލޯންޑަރކުރިކަމަށް ބުނާ 52 މިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ އެމަނިކުފާނު ލޯންޑަރކުރިކަމަށް ސާބިތުވެފައިވާ 1 މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއާ އެއްކޮށްފައިވާ ދެ މިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް އެމެރިކާ ޑޮލަރާއި، އެ ފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާއެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުން އިއްވެވި ޙުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކުރައްވާފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި ނުފަށައެވެ.