ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާ ގުޅޭގޮތުން ބަލްކަން ސަރަޙައްދުގެ އިންވެސްޓަރުންނާ މައުލޫމާތު ޙިއްޞާކުރައްވައިފިއެވެ.
މި މައުލޫމާތު ޙިއްޞާކުރެއްވީ މިމަހުގެ 11 ން 12 އަށް މޮންޓޭނިގްރޯގައި ބޭއްވި "ބްރިޖިންގ ޓޫރިޒަމް ޑެސްޓީނޭޝަން“ އިންޓަނޭޝަނަލް ޓޫރިޒަމް ކޮންފަރެންސް 2023ގެ ތެރެއިންނެވެ.
މި ކޮންފަރެންސްގައި ބަލްކަން ސަރަޙައްދުން ރާއްޖެއަށް ފްލައިޓްތައް ފެށުމާ ގުޅޭގޮތުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މޮންޓޭނިގްރޯގެ ކަމާއިބެހޭ ފަރާތްތަކަށް މައުލޫމާތު ޙިއްޞާކުރެއްވިއެވެ.
ފުރަތަމަ ފަހަރަށް ބޭއްވި މި ކޮންފަރެންސްގައި ރާއްޖެ ތަމްސީލްކުރެއްވީ ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މަޢުސޫމާއި ޑެޕިއުޓީ މިނިސްޓަރ ނައުޝާދު މުޙައްމަދާއި ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާއެވެ.
މި ކޮންފަރެންސާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނައުޝާދު މުޙައްމަދު ވިދާޅުވީ، ބަލްކަން ޤައުމުތަކުގެ ތެރޭގައި ޖަރީޒާ ނޫނަސް ރާއްޖެ ފަދަ ކުދި ޤައުމުތައް ހިމެނޭއިރު ކޯވިޑަށްފަހު ފަތުރުވެރިކަން އިއާދަކުރުމުގައި އެއްގޮތް ކަންތައްތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން މި ކޮންފަރެންސްގެ މައިގަނޑު މަޤްސަދަކީ ޤައުމުތަކުގެ ތަޖްރިބާ ޙިއްޞާކުރައްވައި ޤައުމުތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ދެނެގަތުންކަމަށެވެ.
މި ކޮންފަރެންސްގެ ތެރެއިން ރާއްޖެއިން ވަނީ ފަތުރުވެރިކަމުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން ސެޝަނެއް ކުރިއަށް ގެންދަަވއިފައެވެ. ޑެޕިއުޓީ މިނިސްޓަރ ނައުޝާދު ވިދާޅުވީ، މި ސެޝަންގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގައި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވަރަށް ތަފްޞީލީ މައުލޫމާތުތައް ބައިވެރިންނާ ޙިއްޞާކުރައްވައިފައިވާ ކަމަށެވެ. އަދި މިއީ ބައިވެރިންނަށް ޝައުގުވެރި މައުލޫމާތުތަކަކަށް ވިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މޯލްޑިވިއަން ޑެލިގޭޝަނުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދިނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ދިނުން. ވަކިން ޚާއްސަކޮށް އެންމެ ފަހުން ޤާނޫނަށް މިގެނައި ބަދަލުތަކާއި، ޓޫރިސްޓް ޓައިޕް އޮފް ފެސިލިޓީއަށް މިއައި ބަދަލާއި ގުޅޭ މައުލޫމާތު ދިނުން. އަދި އެއަށް އިންވެސްޓްކުރަން ހަދާނެ ގޮތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުން” ނައުޝާދު ވިދާޅުވިއެވެ.
@MoTmv Deputy Minister Dr. Naushad Mohamed gave a presentation on tourism investment opportunities in #Maldives at Bridging Tourism Destinations Conference held in #Montenegro from 11 to 12 May 2023. @Drnaushadm highlighted opportunities & process for resort development. pic.twitter.com/TMWfzjiJ0D
— Ministry of Tourism (@MoTmv) May 13, 2023
ބަލްކަން ޤައުމުތަކުގެ ތެރޭގައި ސްލޮވޭނިއާ، ކްރޮއޭޝިޔާ، ސާރބިއާ، މެސެޑޯނިއާ، ބަލްގޭރިއާ، ގްރީސް އަދި ރޮމޭނިއާ ހިމެނެއެެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގައި އަހަރުން އަހަރަށް ކުރިއަރަމުން އަންނަ މާރކެޓެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ފަތުރުވެރިން އަންނަ ނިސްބަތް %100 ނުވަތަ %50 ކުރިއަރަމުން އަންނަކަމަށް ޓޫރިޒަމް މިިނިސްޓްރީން ވިދާޅުވެއެވެ.
އިންވެސްޓަރުންގެ ޝައުޤުވެރިކަން ރާއްޖެއަށް އިތުރުކުރުމުގެ އިތުރުން ބަލްކަން ޤައުމުތަކުން ރާއްޖެއަށް އެއަރ ކަނެކްޓިވިޓީ އިތުރުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
ނައުޝާދު ވިދާޅުވީ އެ ސަރަޙައްދުން ރާއްޖެއަށް އެއަރލައިންތަކުގެ ދަތުރުތައް ފެށުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށެވެ. އަދި މި ކޮންފަރެންސްގައި ބައިވެރިވި އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝައުގުވެރިކަން ފާޅުކުރިކަމަށް ވެސް ނައުޝާދު ވިދާޅުވިއެވެ.
“ބަލްކަން ސަރަހައްދުން ރާއްޖެއަށް އަންނަންވެއްޖެއްޔާ އެހެން ޤައުމުތައް ތުރޫކޮށް އަންނަން މިޖެހެނީ. އެކަމަކު މި ސަރަހައްދަކީ ފުދޭވަރަކަށް އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރާ މީހުން ގިނަ ސަރަހައްދެއް. އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޑިސްކަސް ކުރެވުނު އެއަރ ކަނެޓްޓިވިޓީއާއި ބެހޭގޮތުންވެސް.” ނައުޝާދު ވިދާޅުވިއެވެ.
މޮންޓޭނިގްރޯގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމުން އިންތިޒާމްކޮށްގެން ބޭއްވި މި ކޮންފަރެންސްގައި ޤައުމީ އެއަރލައިން މޯލްޑިވިއަންނާއި، އެޗްޑީސީން ވަނީ ބައިވެރިވެފައެވެ.