ޚަބަރު

މ. މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި


މ.މަޑުއްވަރީ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.

މަޑުއްވަރީގައި މިހާރު ބޭނުންކުރަމުން އަންނަ ބަނދަރަކީ ދެހާހުގެ ކުރީ ކޮޅު ތަރައްޤީކޮށްފައިވާ ބަނދަރެކެވެ. ނަމަވެސް ގިނަ އަހަރުތަކެއް ވުމާއި ގުޅިގެން އެރަށު ބަނދަރު ހަލާކުވެ، އެތައް ދަތިތަކަކާ މަސްވެރިންނާއި ދަތުރުވެރިން އަންނަނީ ކުރިމަތިލަމުންނެވެ. އެރަށުގައި މަހައްދާ 3 ދޯނި އޮއްނައިރު ޑިންގީތަކާއި ކުދި ގިނަ ދޯނިތަކަށް ބަނދަރުގެ ޖާގައިގެ ދަތިކަމާއިވެސް ކުރިމަތިލާން ޖެހޭކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ވިއްސާރަވެ ގަދަވާ ދުވަސްވަރެއްނަމަ ދޯނި ފަހަރު ބަނދަރުގައި އަޅާފައި ބޭއްވުމަކީ ދަތިކަމެއްކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ. ޚާއްޞަކޮށްބަނދަރައް ވަދެ ނިކުތުން މަސްވެރިއްނަށް ބޮޑު ތަކުލީފަކަށް ވެފައިކަމަށްވެސް މަޑުއްވަރީ ކައުންސިލުން ފާހަގަކުރައްވައެވެ.


މަޑުއްވަރީގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށް އެރަށުގައި ޒަމާނީ ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 2022 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ. އެމްޓީސީސީން ވަނީ އެރަށު ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް މިހާރު އެކަމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ.

މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 38,800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 54,093 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 18,578.60 ކިއުބިކް މީޓަރުގެ އިތުރު ސާމާނު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 111,471 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 600 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 122 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

މި މަޝްރޫގެ ދަށުން މިހާރު ކުރަމުންދަނީ ކަނޑިންމައަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތެއެވެ. މ. މަޑުއްވަރީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢަކީ 48.19 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މަޑުއްވަރީ ބަނދަރު ތަރައްޤީވުމުން މިހަރު އެރަށުގެ ރައްޔިތުންނާއި މަސްވެރިން އުފުލަމުން އަންނަ ތަކްލީފްތަކަށް ދާއިމީ ޙަލެއް އަންނަނާނެކަމަށް މަޑުއްވަރީ ކައުންސިލުން ވިދާޅުވެއެވެ. ޚާއްޞަކޮށް މޫސުން ގޯސްވެ ބަނދަރުގައި އަޅާފައިވާ އޮޑިދޯނި ފަހަރުތައް ލިބެމުން ދިޔަ ގެއްލުނަތަކަށްވެސް ޙައްލު ލިބޭނެކަމަށްވެސް މަޑުއްވަރީ ކައުންސިލުން ވިދާޅުވެއެވެ.