އިންޑިއާއިން ރަޝިޔާގެ ތެޔޮ އިމްޕޯޓްކުރި މިންވަރު މިދިޔަ އަހަރު 10 ގުނަ އިތުރުވެފައިވާކަމަށް އިންޑިއާގެ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބޭންކް އޮފް ބަރޯޑާއިން ބުނެފިއެވެ.
ބޭންކުގެ ހިސާބުތަކުން ދައްކާ ގޮތުގައި އޭޝިއާގެ 3 ވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ އިންޑިއާއިން ރަޝިއާގެ ތެޔޮ އިމްޕޯޓުކޮށްގެން ގާތްގަނޑަކަށް ފަސް ބިލިއަން އެމެރިކާ ޑޮލަރު ވަނީ ސަލާމަތްކޮށްފައެވެ.
އިންޑިއާ އިން އިމްޕޯޓުކުރި ރަޝިއާގެ ތެލުގެ މިންވަރު އިތުރުވެފައި މިވަނީ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާ އާއި ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ރަޝިއާގެ ތެޔޮ ގަތުން ހުޅަނގުން މަދުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމު ކަމަށްވާ ޗައިނާއާއި އިންޑިއާ ފަދަ ޤައުމުތަކަށް ރަޝިޔާއިން އަންނަނީ ޑިސްކައުންޓުގައި ހަކަތަ ވިއްކަމުންނެވެ.
2021 ވަނަ އަހަރު ރަޝިޔާގެ ތެލަކީ އިންޑިއާއިން އަހަރަކު އެތެރެކުރާ ސާފުނުކުރާ ތެލުގެ އެންމެ %2އެވެ. އެ އަދަދު މިހާރު ހުރީ ގާތްގަނޑަކަށް %20ގައިކަމަށް ބޭންކް އޮފް ބަރޯޑާއިން ބުނެއެވެ.
މިދިޔަ މާލީ އަހަރުގެ ތެރޭގައި އިންޑިއާއިން ރަޝިޔާއިން ތެޔޮ ގަތުމުން، ތެޔޮ ޓަނަކަށް ގާތްގަނޑަކަށް 89 އެމެރިކާ ޑޮލަރު ސަލާމަތްވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އެމެރިކާއާއި ޔޫރަޕުން ޕްރެޝަރުކުރި ނަމަވެސް އިންޑިއާއިން ވަނީ ރަޝިޔާއިން ތެޔޮ އިމްޕޯޓް ކުރުމާއި ގުޅިގެން ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތަބާވުމަށް ދެކޮޅު ހަދާފައެވެ. އަދި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ މައްސަލައިގައި ވެސް އިންޑިއާ އިން އެކަން ފާޅުގައި ކުށްވެރިކޮށްފައެއް ނުވެއެވެ.
ރަޝިއާ އިން ތެޔޮ އިމްޕޯޓުކުރުން ދިފާއުކުރަމުން އިންޑިއާ އިން ބުނާ ގޮތުގައި ހަކަތަ އިމްޕޯޓް ކުރުމަށް ބަރޯސާވެފައިވާ އެތައް މިލިއަން ބަޔަކު ފަގީރު ހާލަތުގައި އުޅޭ އެ ގައުމަށް އަގުބޮޑުކޮށް ތެޔޮ ގަތުމަކީ ތަކްލީފަކަށްވާނެއެވެ.
ރަޝއާ ޔުކްރެއިން ހަނގުރާމަ ފެށުނު ފަހުން ޔޫރަޕުން ވަނީ އިންޑިއާ އަށްވުރެ 56 ގުނަ އިތުރަށް ރަޝިއާ އިން ތެޔޮ އިމްޕޯޓުކޮށްފައިކަމަށް އެ ގައުމުގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު މިދިޔަ އަހަރު ދެއްވި ޓީވީ އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި އޭޝިއާގެ އެންމެ ބޮޑު ހަކަތަ އެތެރެކުރާ ގައުމުތަކަށް ރަޝިޔާއިން އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުން ކުރިއަށް އަދި ގެންދާނެއެވެ.
އިންޑިއާގެ ރިފައިނަރުންނަށް ތެޔޮ ލިބޭހާ ދުވަހަކު ފައިދާގެ ނިސްބަތް އިތުކުރުން ކުރިއަށް ގެންދާނެ ކަމަށާއި ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ ކުރިންވެސް ތެޔޮ ގަތުމުގައި އަމަލުކުރި ގޮތަށް އިންޑިއާ އިން އަމަލުކުރާނެ ކަމަށް ހަކަތައާއިބެހޭ މާހިރު ވަންދަނާ ހެރީ ވިދާޅުވިއެވެ.