ޚަބަރު

މުސާރައަށް ގެނައި ބަދަލާއެކު ނަރުހުން ލިބުމުގެ ދަތިކަމަށް ހައްލެއް އަންނާނެކަމުގެ އުންމީދު


ނަރުހުންނަކީ ސިއްހީ ދާއިރާގެ މައި ތަބެވެ. ޞިއްހީ ދާއިރާގައި މަސައްކަތް ކުރާ ނަރުހުންގެ އަދަދު އިތުރުކޮށް މިދާއިރާއިގައި މަސައްކަތްކުރާ ބިދޭސީން އަދަދު މަދު ކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިކަމުގެ ނަތީޖާ މަޑުމަޑުން ނަމަވެސް ފެންނަމުންދާކަން މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ މުޅި ސިއްޙީ ޚިދުމަތުގެ %50އަކީ ނަރުހުންނެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރައްވާފައިވާ ތަފާސް ހިސާބަށް ބަލާއިރު 2005 ވަނަ އަހަރު ރާއްޖޭގައި މަސައްކަތްކުރަމުން އައި ނަރުހުންގެ ތެރެއިން 40.39 އިންސައްތައަކީ ދިވެހި ނަރުހުންނެވެ. 2021 ވަނަ އަހަރު މިއަދަދު ހުރީ 60.23 އިންސައްތައިގައެވެ.

މާނައަކީ 16 އަހަރު ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާއައް ދިވެހިންގެ ނިސްބަތް އިތުރުކުރެވިފައިވަނީ 19.84 އިންސައްތައެވެ. ނަމްބަރުތައް މިހެން ހުރި އިރު އެންމެ ހައިރާންވާ އަނެއްކަމަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ދަސްވެނިވާ ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ކުދިން ދަސްވެނިވަމުންދަނީ ނަރސިންގ ދާއިރާއިންނެވެ.

ޔުނިވަރސިޓީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑިޕްލޮމަރ އިން ނަރސިންގ ހެދި ކުދިންގެ ނިސްބަތްވަނީ އަހަރުން އަހަރަށް އިތުރުވެފައެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާއި ހަމައަށް 736 ކުދިންވަނީ ނަރސިންގ ދާއިރާއިން ގައުމީ ޔުނިވަރސިޓީގައި ދަސްވެނިވެފައެވެ. އަދި ޑިގްރީ ފެންވަރުގައި މިމުއްދަތުގައި 285 ދަރިވަރުން މާސްޓަރސް ފެންވަރުގައި 95 ކުއްޖަކުވަނީ ދަސްވެނިވެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިއްހީ ހިދުމަތްދޭ އެކި ތަންތަނުގައި ނަރުހުންގެ ވަޒީފާއަށް ބޮޑު ޑިމާންޑެއް އޮތްކަން އިނގެނީ މިނިސްޓްރީ އޮފް ހެލްތުން އެކި މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކައް ބޭނުންވެގެން އެންމެ ގިނައިން އިއުލާންކުރާ އެއްވަޒީފާއަކީ ނަރުހުންގެ ވަޒީފާކަމަށްވުމުންނެވެ. ކަންމިހެން އޮތްއިރު ގައުމީ ޔުނިވަރސިޓީގެވެސް އަދި މިނިސްޓްރީ އޮފް ހެލްތުގެވެސް އޮތް ސުވާލަކީ މިދާއިރާއިން ކިޔަވާ ކުދިން ތައުލީމު ހާސިލުކުރުމަށްފަހު ދެން އެކުދިންނަށް ވާގޮތަކާއި މެދު އުފެދޭ ސުވާލެވެ.

ނަރުހުންގެ އަދަދު މަދުވުމާއި ދާއިރާއަށް މީހުންގެ ޝައުގުވެރިކަން ނެތްކަމުގެ ކަންބޮޑުވުމާއި ހިދުމަތުގައި ތިބި ފަރާތްތަކުން ކުރާ މަސައްކަތާއި އެކަށީގެންވާ މުސާރައެއް ނުލިބޭކަމުގެ ޝަކުވާއާއި އެކު ސަރުކާރުންވަނީ ސިއްހީ ދާއިރާގެ މުސާއަށް ހެޔޮ ބަދަލެއް ގެންނަވާފައެވެ.

މިގޮތުން ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ 3600 އަށްވުރެ ގިނަ ނަރުހުންގެ ތެރެއިން ދިވެހި ނަރުހުންގެ ގޮތުގައި މަސައްކަތްކުރާ 1971 ނަރުހުންގެ މުސާރައާއި ޢިނާޔަތް ސަރުކާރުންވަނީ ބޮޑުކޮށްދެއްވާފައެވެ. މިފަރާތްތަކުގެ މުސާރަ، 17000 އާއި 19000 ލިބުނުނަމަވެސް އަލަށް ގެެނެވުނު ބަދަލާއެކު ނަރުހުންނަށް 18000އާއި 32000އާއި ދެމެދުގެ މުސާރައެއް ލިބޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މިއާއެކު މިދާއިރާއަށް ޝައުގުވެރިވާ ނަރުހުން އިތުރުވެ ދާއިރާ ދޫކޮށްދާ ފަރާތްތައް މަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ދާއިރާގައި މަސައްކަތް ކުރަމުންދާ ގިނަ ނަރުހުން ފާހަގަކުރާ ގޮތުގައި ސިއްހީ ދާއިރާ މިހާރު ކުރި އަރާފައިވާއިރު ކުރިން ނުލިބޭ ގިނަ ފުރުސަތުތަކެއް މިހާރުވަނީ ފަހިވެފައެވެ. އަދި ކުރިން ނުލިބޭ ގިނަ ހިދުމަތްތަކެއްވެސް މިހާރު ސިއްހީ ދާއިރާއިން ލިބެއެވެ. އަދި މި ދާއިރާއަށް އަލަށް ނިކުންނަ ކުދިށްނަށްވެސް މަސައްކަތް ކުރަމުން ކިޔަވަން ބޮޑެތި ފުރުސަތު ތަކެއް މިހާރު ފަހިވެފައިވާކަމަށެވެ.

ނަރުހުންގެ މަސައްކަތާއި ހިދުމަތަކީ މުޅި ސިއްހީ ނިޒާމުގައިވެސް މުހިއްމު އަދި އެއާއި ނުލާ ފަރުވާގެ މަރުހަލާ ފުރިހަމަ ނުވާނެ ދާއިރާއެކެވެ. ބަލިމީހާގެ ހާލަތާއި އެއްގޮތަށް އޭނާއަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ ޚިދުމަތެއް، ފޯރުކޮށްދެނީ ނަރުހުންނެވެ. އެގޮތުން ބޭސް އެޅުމާއި، ބޭސްދިނުމާއި، ބައެއް ހާލަތްތަކުގައި ސާފުކޮށް ފެންވަރުގައި ހެދުން ކަމުގައިވިޔަސް ކުރަނީ ނަރުހުންނެވެ. ބަލިމީހާގެެ ހާލަތަށް ބަލައި ޑޮކްޓަރުންގެ ލަފާގެ ދަށުން ނަފްސާނީ ގޮތުން ބަލިމީހާ އަށް ހިތްވަރުލައިދީ، ހާލަތު ދެނެގަތުމުގެ މަސައްކަތަކީވެސް ނަރުހުންގެ ޑިއުޓީގެ ތެރޭ އެމީހުން ކުރާ ކަންތަކެވެ.

މިފަދަ މުހިއްމު ބައެއްގެ މަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމަކީ ކުރަންޖެހޭ މުހިއްމުކަމެކެވެ. އެހެންކަމުން ކޮންމެ އަހަރެއްގެ މޭއި މަހުގެ 12 ވަނަ ދުވަސް ފާހަގަކުރަނީ ނަރުހުންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިޔާރަކީ " އަހަރެމެންގެ ނަރުހުން، އަހަރެމެންގެ ކުރިމަގު" މި ޝިއާރެއެެވެ.