ވިޔަފާރި

ތަޖުރިބާ ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް


ތަޖުރިބާއާއި ތަމްރީން ހޯދުމުގެ ދަތުރެއްގައި ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް ފުރައިފިއެވެ. މިއީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ، ޖައިކާއާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ދިވެހި މަސްވެރިން ޖަޕާނަށް މިކުރާ ދަތުރަކީ “ދަ ޕްރޮޖެކްޓް އޮފް ދަ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ“ މި ޕްރޮޖެކްޓްގެ ދަށުން ކުރާ ދަތުރެއްކަމަށެވެ. މި ދަތުރުގައި ޖަޕާނުގެ މަސްވެރިން، މަސްވެރިކަން ކުރަމުންދާގޮތުގެ އަޖުމަބަލައި، އެކަމާއި ގުޅޭ ތަމްރީން ހޯދާނެއެވެ.

މި ދަތުރުގައި ބައިވެރިވާ ދިވެހި މަސްވެރިން، ޖަޕާނުގެ މަސްވެރިން ދޯނިތަކުގައި އެން ގެންގުޅޭ ގޮތާއި، ބޮޑުކަންނެލީގެ ކޮލެޓީ ދަމަހައްޓާ އުކުޅުތަކާއި، މަސްވިއްކުމުގައި ޖަޕާނުގައި އަމަލުކުރަމުންދާ ގޮތްތައް ބަލައި ޖަޕާނުގައި މަސްވެރިކަން މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މި ދަތުރުގައި މަސްވެރިން ޖަޕާނުގައި 20 ދުވަސް ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ބައިވެރިވަނީ ގއ، އދ، އަދި ބ. އަތޮޅުގެ ދޯނިތަކުގެ މަސްވެރިންނެވެ.

“ދަ ޕްރޮޖެކްޓް އޮފް ދަ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ“ ޕްރޮޖެކްގެ ދަށުން ދިވެހި މަސްވެރިން ދޮށީގައި އަދި އަތުނަނުގައި ކުރަމުންދާ މަސްވެރިކަމުގައި ބާނާ ކަނޑުމަހުގެ ކޮލިޓީ ރަނގަޅުކުރުމަށާއި، އެންވެރިކަމުގައި ދިމާވާ ބައެއް މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެއެވެ. މިއީ ރަށު ފެންވަރުގައި މަހާއި މަހުގެ އުފެއްދުން ތައްޔާރުކުރަމުންދާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތަކެއް ކުރުމަށް 5 އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް 2022 ވަނަ އަހަރު ފަށާފައިވާ ޕްރޮޖެކްޓެކެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މި ޕްރޮޖެކްޓްގެ ދަށުން ދޮށީގެ މަސްވެރިކަން ކުރުމުގައި އެން މަރުވާ ނިސްބަތް މަދުކުރުމަށް އެންވަތުގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް އެބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށެވެ. އަދި އަތުނަނުގެ މަސްވެރިކަމާއި ބާނާ ބޮޑުކަންނެލީގެ ކޮލެޓީ ރަނގަޅުކޮށް ކަންނެލި ރިޖެކްޓްވާ މިންވަރު މަދުކުރުމަށް ޖަޕާނުގެ މަސްވެރިން ބޭނުންކުރަމުންދާ އުކުޅުތައް ބޭނުންކޮށްގެން ބޮޑުކަންނެލީގެ ކޮލެޓީ ރަނގަޅުކުރުމަށް ހިންގާ މަސައްކަތުގެ ރަނގަޅު ނަތީޖާ ފެނި އެމަސައްކަތް ރާއްޖޭގެ ހުރިހައި އުޅަނދަކަށް ފުޅާކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.