ފާއިތުވި 5 އަހަރުގެ ތެރޭގައި އަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ މިއަހަރުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއަށް ރެކޯޑް މިންވަރަކަށް ވަނީ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ކޯވިޑް19އަށްފަހު ރާއްޖޭގެ ފަތުރުވެރިކަން ހީނަރުވީނަމަވެސް އަނެއްކާވެސް ފަތުރުވެރިކަން އަންނަނީ ކުރިއަރައި ކުރިއެރުން ހޯދަމުންނެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ނަންބަރުތަކުން މިކަން ހާމަވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 5 އަހަރުގެ ތެރޭގައި ފުރަތަމަ 4 މަސްދުވަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސް މިއަހަރު ވަނީ ރެކޯޑެއް ހަދާފައެވެ. 2019 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރު ދުވަހުގެ ތެރޭގައިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އަހަރެވެ. ނަމަވެސް 2019 ވަނަ އަހަރަށްވުރެ މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.
2019 – 646،092 ފަތުރުވެރިން
2020 – 382،760 ފަތުރުވެރިން
2021 – 391،770 ފަތުރުވެރިން
2022 – 576،804 ފަތުރުވެރިން
2023 – 688،284 ފަތުރުވެރިން
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މޭ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 710،645 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ 2022 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %17.5 އިތުރު އަދަދެކެވެ.
ރަޝިއާ - 84،757 ފަތުރުވެރިން
އިންޑިއާ - 76،999 ފަތުރުވެރިން
އިނގިރޭސިވިލާތް - 67،086 ފަތުރުވެރިން
އިޓަލީވިލާތް - 57،102 ފަތުރުވެރިން
ޖަރުމަނުވިލާތް - 52،186 ފަތުރުވެރިން
ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1235 ތަނެއް ވަނީ ހުޅުވާފައެވެ. މި ހުރިހާ ތަނަކާއިއެކު ފަތުރުވެރިންނަށް ހިދުމަތްދޭ އެނދުގެ އަދަދު ވަނީ 60580 އަރާފައެވެ.