ކިޔެވުމުގެ މަރުޙަލާގައި ކުރެވޭ ދިރާސާތަކަކީ، ހަމައެކަނި ތަޢުލީމަށް ބޭނުންކުރާ އެއްޗަކަށް ނުހަދައި، މުޖުތަމަޢުއަށް ހެޔޮ ބަދަލެއް ގެނުވާނެ ގޮތަށް ބޭނުންކުރެވޭ އެއްޗަކަށް ހަދަންޖެހޭކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާޙީމް ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީން ބާއްވަވާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައި.ސީ.އައި.އޭ) ފަށްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އައި.ސީއައި.އޭ އަކީ ރާއްޖޭގައި ބާއްވަވާ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ދިރާސާ ކޮންފަރެންސްއެވެ. ކޮންފަރެންސް ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ ޤައުމެއްގެ އިޤްތިޞާދާއި، ތިމާވެށްޓާއި، ޑިމޮކްރަސީއާއި، ޢާންމު ދިރިއުޅުމުގެ ކަންކަން ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި، ދިރާސާތައް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ދިރާސާކުރުމާއި، ކަންކަން ހޯދައި ބަލައި ތަޙްޤީޤުކުރުމަކީ ތަޢުލީމުދޭ މުއައްސަސާތަކުގެ އެކަނި ޒިންމާނޫން ކަމަށާއި، މިއީ މުޅި މުޖުތަމަޢު އެކަމެއްގައި ބައިވެރިވާންޖެހޭ ކަމެއްކަމަށެވެ. އަދި މިފަދަ ކޮންފަރެންސްތަކުން އެއްކުރާ މަޢުލޫމާތަކީ ހަމައެކަނި ކިޔެވުމުގެ މަރުޙަލާގައި ބޭނުންކުރާ އެއްޗަކަށް ނުހަދައި، ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް ދިރާސާތަކުގެ މަޢުލޫމާތު ބޭނުންކުރުން އިތުރުކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ މިހާރަށްވުރެ ބޮޑަށް މުޖުތަމަޢަށް ފައިދާވާނެ މަސައްކަތަކަށް ހަދަންޖެހޭކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޑރ. އިބްރާހީމް ޙަސަން ވަނީ ފަސޭހަ މަގުގައި އަބަދު ނުތިބެ، މުޖުތަމަޢަށް ބޭނުން ހިފޭނެ އަދި ޢާންމު ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނެ ތަފާތު ދާއިރާތަކުން ދިރާސާތައް ހެދުމަށްވެސް އިލްތިމާސްކުރައްވައިފައެވެ.
"ޓެކްނޮލޮޖީ އަކީ ގޯސް މަޢުލޫމާތު ފެތުރުމަށް ވެސް ބޭނުންކުރާ ހަތިޔާރަކަށް ވާތީ އެކަމަށް ސަމާލުވާންޖެހޭ. މިއީ އެއްވެސް ހާލެއްގައި ކޮމްޕްރޮމައިޒްކޮށްގެން ވާނެ ކަމެއް ނޫން. ދޮގު މައުލޫމާތުން އިންޓަނެޓް ފުރިފައިވާ މި ޒަމާނުގައި، ދިރާސާއެއްގައި ތެދު މައުލޫމާތު ހިމެނުމަށް ކުރިއަށް ވުރެ ސަމާލުވާން ޖެހޭ." މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ.
މިފަހަރުގެ ކޮންފަރެންސްގައި އޭޝިއާ، ޔޫރަޕް އެފްރިކާ ފަދަ ސަރަޙައްދުތަކުގެ 10 ޤައުމަކުން ބައިވެރިވިއެވެ. މިކޮންފަރެންސަށް 52 ކަރުދާސް ހުށައާޅާނެއެވެ. ކޮންފަރެންސް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ.