މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއަށް މިދިޔަ އަހަރު ލިބުނު އާމްދަނީ %28 އިތުރުވެއްޖެއެވެ. މިފްކޯއަކީ މީގެކުރިން ދަރަނީގައި ހިންގަމުން އައި ކުންފުންޏެކެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ފެށްޓެވީ މިފްކޯ އަމިއްލަ ފައިމައްޗަށް ނަންގަވައި އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެއްދެވުމަށެވެ. މިދިޔަ އަހަރަކީ މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެކުންފުންޏަށް ފައިދާވި އަހަރެކެވެ.
މިފްކޯ ހިންގަމުން އަންނަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައެވެ. އެސްޓީއޯގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން ނިމުނު 2022 ވަނަ އަހަރު މަސްވެރިކަމުގެ ސިނާޢަތުން ވަނީ ރަނގަޅު ޢާމްދަނީއެއް ލިބިފައެވެ. އެގޮތުން މިދިޔަ އަހަރު މިފްކޯއަށް 1.6 ބިލިއަން ރުފިޔާ ވަނީ ޢާމްދަނީގެ ގޮތުގައި ލިބިފައެވެ.
މިފްކޯގެ ޢާމްދަނީ މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ 2022 ވަނަ އަހަރު އެ ކުންފުނިން ގެންފައިވާ މަހުގެ ޢަދަދު އިތުރުވެފައިވުމުންނެވެ. މިފްކޯގެ 16 އަހަރުގެ ތާރީޚުގައިވެސް މިދިޔަ އަހަރަކީ އެންމެ ގިނަ މަސް ގަނެ އެންމެ ގިނަ ޢަދަދެއްގެ ފައިސާ މަސްވެރިންނަށް ދޫކުރި އަހަރެވެ. މުޅި ޖުމްލަ 63،579 މެޓްރިކް ޓަނުގެ މަސް ވަނީ ކިރާފައެވެ.
މިދިޔަ އަހަރު މިފްކޯއިން މުހިންމު ގިނަ މަސައްކަތްތަކެއް ވެސް ވަނީ ކޮށްފައެވެ. އެގޮތުން މަސްވެރިންނަށް ޚާއްޞަކޮށްގެން ވަނީ ”ހޯސާ“ ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ލޯންޗްކޮށްފައެވެ. މި އެޕްލިކޭޝަން މެދިވެރިކޮށް މަސްވެރިން މަސް ބާނާ ސަރަޙައްދުތަކާއި، މަސް ކިރުވާ ޢަދަދުތައްވެސް ފެންނާނެއެވެ. އަދި މަސް ކިރާ ދޯނިފަހަރަށް ކިއު ނަމްބަރުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ.
މިފްކޯގެ މަސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމަށް މިދިޔަ އަހަރުވަނީ އައު ވެސަލްއެއް ”ޖަޒީރާ ރީފަރ“ ގަނެފައެވެ. މި ބޯޓުގެ ކެޕޭސިޓީއަކީ 2480 މެޓްރިކް ޓަނެވެ. މި އުޅަނދަކީ މަސް ފިނިކުރެވޭ އަދި މަސް އެކްސްޕޯޓް ކުރުމަށްވެސް ބޭނުންކުރެވޭ އުޅަނދެއްކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯގައި މިހާރު 5 އުޅަނދު އޮވެއެވެ. މިއާއެކު އެ ކުންފުނީގެ މަސް ގަތުމުގެ ކެޕޭސިޓީއަކީ މިހާރު 4255 މެޓްރިކް ޓަނެވެ. އަދި މަސް ފިނިކުރުމަށް 2 އުޅަނދު، އާރުއެސްޑަބްލިއު ސިސްޓަމާއެކު 10 ކަލެކްޓަރ އުޅަނދު އަދި ބޭރުން ޗާޓަރ ކޮށްގެން މަސް އެކްސްޕޯޓްކުރުމަށް 7 އުޅަނދު ދަނީ ބޭނުންކުރަމުންނެވެ.
މިފްކޯއިން މަހުގެ ތަފާތު ގިނަ އުފެއްދުންތަކެއް ތައްޔާރުކޮށް މާރކެޓް ކުރަމުންދާއިރު، މި އުފެއްދުންތައް ވީހާވެސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހުޅުމާލޭ ހިޔާ ފްލެޓްތައް ހުންނަ ސަރަޙައްދުގައި މިފްކޯގެ ފިހާރައެއް ހުޅުވާފައެވެ. މިދިޔަ އަހަރަކީ މިފްކޯއިން އައު އުފެއްދުންތަކެއް ވެސް ބާޒާރަށް ނެރުނު އަހަރެކެވެ. އޭގެތެރޭގައި ލޮނުމެދު މަސްދަޅާއި، ވަޅޯމަހުގެ މަސްދަޅާއި، ޑްރެއިންޑް ކަނޑުމަސް ޗަންކްސް އާއި، ބަނޑައިދޫ މަސް ދަޅާއި ކުޅި ލުނބޯ ފެނުގައި ބަންދުކޮށްފައިވާ މަސް ދަޅު ހިމެނެއެވެ.