 
										
			ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން، މަޖިލީހަށް މިހާރު ހުށަހެޅިފައިވާ އިންތިޚާބުތަކާއި ގުޅުންހުރި ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ތާއީދު ނުކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ. 
ރިޔާސީ އިންތިޚާބުގެ ޤާނޫނަށާއި، އިންތިޚާބުތަކާއި ގުޅުންހުރި ޤާނޫނުތަކަށް ހުށަހެޅިފައިވާ އިސްލާހުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީގް ވިދާޅުވީ މިހާރު މަޖިލީހުގައި ހުރި އިންތިޚާބުތަކާއި ގުޅުންހުރި ޤާނޫނުތަކަށް އިސްލާހު ގެންނަން ހުށަހެޅުއްވީ މީގެ 2 އަހަރު ކުރިންކަމަށެވެ. އަދި އެ އިސްލާހުތައް ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ޤާނޫނުގައި ބައެއް ކަންކަމަށް ހުރި ކުރު މުއްދަތުތައް އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކަށާއި، އިލެކްޝަންސް ކޮމިޝަނަށް ފަސޭހަވާގޮތަށް އިސްލާހުކުރުންކަމަށެވެ.
ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. 
ފުއާދު ވިދާޅުވީ އިންތިޚާބަށް 5 މަސް ދުވަހަށް ވެފައިވަނިކޮށް އިންތިޚާބުތަކާއި ގުޅުންހުރި ޤާނޫނުތަކަށް މަޖިލީހުން އިސްލާހު ގެނައުމަކީ ތާއީދު ކުރައްވާ ކަމެއް ނޫންކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެދެނީ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބަށްފަހު މިހާރު ހުށަހެޅިފައިވާ އިސްލާހުތައް ފާސްކޮށްދެއްވުންކަމަށް ފުއާދު ވިދާޅުވިއެވެ. 
"މިހާރު ޤާނޫނަށް ބަދަލު ގެންނެވުމަކީ އެހާ މަސްލަހަތު ހުރިކަމެއްނޫން. އެހެން ނަމަވެސް ޤާނޫނުތަކަށް ހުށަހަޅާފައިވާ ބަދަލުތައް ރިޔާސީ އިންތިޚާހބަށްފަހުގަ، އަދި މަޖިލިސް އިންތިޚާބަށްވުރެވެސް ފަހުގަ އަޅުގަނޑުމެން އެއާއި ދޭތެރޭ ވިސްނުމަކީ ރަނގަޅުކަމެއް. އޭގަ ހުންނާނީ ކެނޑިޑޭޓުންނަށްވެސް އަދި ރައްޔިތުންނަށްވެސް ފައިދާ ކުރާނެ ގޮތަށް މުއްދަތުތައް އިތުރު ކުރާނެގޮތަށް."ފުއާދު ވިދާޅުވިއެވެ. 
ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ވޯޓާރސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޢާންމުކުރައްވާފައެވެ. ކޮމިޝަނުން ޢާންމުކުރައްވައިފައިވާ ލިސްޓުގައިވާ ގޮތުން 282755 މީހުންނަށް ވޯޓުލުމު ޙައްޤު ލިބިފައިވެއެވެ. 
އިލެކްޝަނުން ވަނީ ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް މިހާރު ހުޅުއްވައިލައްވައިފައެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.
ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ހުޅުވާލާނީ 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށެވެ. އަދި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް 9 އޯގަސްޓްގައި އިޢުލާންކުރާނެއެވެ. ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާ ހަމައަށް ފުރުޞަތު ދެއްވުމަށްވެސް ކޮމިޝަނުން ވަނީ ނިންމަވައިފައެވެ.