ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްޓީސީސީއާ ޙަވާލުކުރައްވައިގެން ކުރިއަށް ގެންދެވި މަޝްރޫޢުގެ މަސައްކަތް މުޅިން ނިމިއްޖެއެވެ. މިޕްރޮޖެކްޓް ވެގެންދަނީ ހަނިމާދޫގެ މުޅި ތަރައްޤީއާ ގުޅިފައިވާ މުހިންމު މަޝްރޫޢަކަށެވެ.
ހދ. ހަނިމާދުއަކީ އުތުރުގެ އެންމެ ޙަރަކާތްތެރި އެއް ރަށެވެ. އާބާދީގައި 3000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހަނިމާދުއަކީ، އެ ސަރަޙައްދުގެ މުހިންމު ޚިދުމަތްތަކެއް ޤާއިމުވެފައި އޮތް ރަށެވެ.
ހަނިމާދުއަކީ އިންޓަރނޭޝަނަލް އެއަރޕޯޓް އޮންނަ ރަށަށްވުމުގެ އިތުރުން ވެސް ސަރުކާރުގެ އެކި ޚިދުމަތްތައް ހޯދުމަށް ކޮންމެ ދުވަހަކު އެތައް ބަޔަކު ދަތުރުކޮށް އުޅޭ ރަށެކެވެ. އަދި ލޯކަލް ޓޫރިޒަމް ވެސް ފުޅާވަމުން އަންނަ އެރަށަށް އުމްރާނީ ތަރައްޤީ މުހިންމެވެ.
އެހެންކަމުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހަނިމާދޫގައި ސަރުކާރުން އަންނަނީ ކުރިއަށް ގެންދަވަމުންނެވެ. މީގެތެރެއިން ތާރުއަޅައިގެން އެރަށުގެ މަގުތައް ތަރައްޤީކުރުމަކީ ރަށުގެ ރައްޔިތުން އެންމެ ދިގު އިންތިޒާރެއް ކުރަންޖެހުނު މަސައްކަތެވެ. އެރަށުގެ މަގުހަދަން އެންމެ ފުރަތަަމަ ފެށީ 2013 ވަނަ އަހަރުއެވެ. އޭގެފަހުން 3 ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރިއެވެ.
ނަމަވެސް ވަކި ހިސާބަކުން މަސައްކަތް ހުއްޓި، ގާތްގަނޑަކަށް 6 އަހަރު ފަހުން އަލުން މަސައްކަތް ފެށީ މިސަރުކާރުގައި 2019 ވަނަ އަހަރުއެވެ. މަސައްކަތް އޭރު ހުއްޓުނުއިރު، ކުރިއަށް ގެންދެވިފައިވަނީ މަދު އިންސައްތައެއްގެ މަސައްކަތެވެ.
މަގުތައް އަޑިގުޑަންވުމާއި ހިރަފުސްވުމާއި، އަދި ވިއްސާރަ ދުވަސްވަރު ފެންބޮޑުވުމުގެ މައްސަލަ ހަނިމާދުއަށް ބޮޑެވެ. މިއީ ރައްޔިތުންގެވެސް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ.
ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުގައި ރަށުގެ 20 މަގު ވަނީ ތާރު އަޅައިގެން ތަރައްޤީކޮށްފައެވެ. މީގެތެރޭގައި ރަށުގެ މައި ބޮޑު މަގާއި ބަނދަރު މަގާ އަދި އެކިއެކި މުއައްސަސާތައް ހުރި މަގުތަކާއި ރައްޔިތުން އާއްމުކޮށް ބޭނުންކުރާ މުހިންމު މަގުތައް ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން، 44296 އަކަމީޓަރުގެ ދުއްވާ ސަރަޙައްދު، 18871 އަކަމީޓަރުގެ ހިނގާ ސަރަޙައްދު، ފެންހިންދާ ނިޒާމު، ސަރވިސް ލައިން، ޑްރަނޭޖް، 20774 މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
ރަށުގެ މަގުތަކަކީ ފެހި، ހިތްގައިމު މަގުތަކަކަށް ހެދުމަށް ރަށުގެ ކައުންސިލުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހަނިމާދޫ ތަރައްޤީއަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން އެމްޓީސީސީއާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދިޔަ، ހަނިމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް މިމަހު ވަނީ މުޅިން ނިންމާލާފައެވެ.
އަދި މިވަގުތު އެރަށުގައި ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢެވެ. މުޅި މިމަޝްރޫޢުގެ މަސައްކަތް އަންނަ އަހަރު ނިންމާ ޚިދުމަތް ދިނުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.