މާލޭގައި ކަރަންޓް ބޭނުންކުރި މިންވަރު ދުވަހަކުވެސް މައްޗަށް ނުދާ މިންވަރަށް މައްޗަށް ގޮސްފައިވާކަމަށް ސްޓެލްކޯއިން ހާމަކުރައްވައިފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ މާލޭގައި ކަރަންޓް ބޭނުންކުރި މިންވަރު މިއަދު 102 މެގަވޮޓަށް އަރާފައިވާކަމަށެވެ.
މިދުވަސްވަރަކީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ހޫނުގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާބެހޭ އިދާރާއިންވަނީ ލަފާކޮށްފައެވެ. އެގޮތުން އެއިދާރާއިން އެންމެފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު މާލެ ސަރަހައްދުގައި އިހްސާސްކުރެވޭ ހޫނުމިން ހޯމަދުވަހު ހުރީ 43 ޑިގްރީގައެވެ.
ހޫނުގަދަ މިދުވަސްވަރު ކަރަންޓް ބޭނުންކުރާ ނިސްބަތްވެސްވަނީ އިތުރުވެފައެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވީ މިއަދަކީ ރާއްޖޭގެ ތާރީޚުގައި ކަރަންޓްގެ ލޯޑް އެންމެ މަތިވި ދުވަސްކަމަށެއެވެ. އެގޮތުން ކަރަންޓް ޕީކް ލޯޑް މިއަދުވަނީ 102 އަށްވުރެ މައްޗަށް އަރާފައެވެ. އެހެންކަމުން ކުއްލި ހާލަތަކަށް ނުގޮސް ސަލާމަތް ވެވެން އޮތީ އާއްމުންގެ އެއްބާރުލުން ލިބިގެން ކަމަށް ޝަރީފުވަނީ ފާހަގަކޮށްފައެވެ.
" އަޅުގަނޑުމެންނަށް އިމަރޖެންސީ ހާލަތަކަށް ނުގޮސް މި ދުވަސްވަރު ކަޑައްތު ކުރުމަށްޓަކައި އާންމުންގެ އެއްބާރުލުމެއް އަޅުގަނޑުމެން އެބަ ބޭނުންވޭ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށްވެސްވާ ފައިދާއެއް އެބައޮތް. އަދި އަޅުގަނޑުމެންނަށްވާ ފައިދާތަކެއްވެސް އެބައޮތް. އެގޮތުން ކަރަންޓު ބޭނުންކުރާ މިންވަރު މަދު ކުރުމުން ކަރަންޓު ބިލު ބޮޑުތަނުން ކުޑަ ކުރެވިގެން ދާނެ" ޝަރީފު ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ދިރާސާތަކުން ދައްކާގޮތުގައި އާއްމު ގޭބިސީތަކުގެ ކަރަންޓް ބިލުގެ 40 އިންސައްތަ ހިއްސާކުރަނީ އެއަރ ކޮންޑިޝަނަރ ފަދަ ތަކެތިން ކަމަށެވެ. އެހެންކަމުން އެއާރ ކޮންޑިޝަނާރ 25 ޑިގްރީއަށްވުރެ ދަށް ނުވާނޭހެން ބެހެއްޓުމަށް ޝަރީފް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެއާރ ކޮންޑިޝަނާރތައް ޤަވާއިދުން ސާރވިސް ކުރުމަށާއި، ލޯގަނޑު ހުންނަ ތަނެއްނަމަ ދޮރުފޮތި ދަމާފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއްކަން ޝަރީފު ފާހަގަކުރެއްވިއެވެ.
ޝަރީފު އިތުރަށް ވިދާޅުވީ މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރު ޕީކް ބޮޑުތަނުން އިތުރުވެފައިވާކަމަށެއެވެ. އެގޮތުން މި އަހަރުގެ ލޯޑް އެންމެ ބޮޑުވެގެންދިޔަ ސަބަބެއް ކަމަށް ފާހަގަކުރެއްވީ ހުޅުމާލޭގައި ބޮޑު އާބާދީއެއް ދިރިއުޅެން ފެށުމެވެ.
ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައިވެސް ކަރަންޓް ބޭނުންކުރާ ނިސްބަތް ވިއްސަކަށް ނުވަތަ ތިރީހަކަށް އިންސައްތަ މައްޗަށް އަރައިގެން ދާކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ އަންނަ އަހަރު ސްޓެލްކޯގެ ޕީކް 115 ނުވަތަ 120 މެގަ ވޯޓަށް އަރާނެކަމަށް އަންދާޒާކުރެއްވޭ ކަމަށެވެ. އެހެންކަމުން މިހާރުންސުރެ ސްޓެލްކޯއިން އެކަމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ޢާންމުކުރައްވައިފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 1992 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކޮންމެ އަހަރެއްގެވެސް އޭޕްރީލްމަހަކީ މުޅި އަހަރަށް ބަލާއިރު ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ.