ދިވެހީންގެ އެހީގައި ފަލަސްޠީނުގެ ޣައްޒާގައި މިސްކިތެއް ބިނާކުރުމަށް ނިންމައިފިއެވެ.
ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް ދިވެހީންގެ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާއެއް ކަމަށްވާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ން ބުނީ، ޣައްޒާގައި ދިވެހިންގެ އެހީގައި މިސްކިތެއް ބިނާކުރުމަށް ނިންމައި، އެ މަޝްރޫޢު އިފްތިތާޙުކޮށްފައިވާ ކަމަށެވެ.
ޕީއެސްއެމްނިއުސްއާ ވާހަކަ ދައްކަވަމުން އައިއޭސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދިވެހިންގެ ލޯތްބާއި އިޙްތިރާމް ދެވިފައިވާ ފަލަސްޠީނުގެ ޣައްޒާގައި މިސްކިތް ބިނާކުރާ ސަރަޙައްދަކީ މިސްކިތެއް ނެއް ސަރަހައްދެއްކަމަށާއި، އެ ސަރަހައްދުގައި މިސްކިތެއް ބިނާ ކުރުމަށް ފުރުޞަތު ލިބުމުން އެ ފުރުޞަތުގެ ބޭނުން ހިފައި އެކަން ކުރަން ނިންމީ ކަމަށެވެ.
އައިއޭސީން ބުނިގޮތުގައި ޣައްޒާގައި ބިނާކުރާ މިސްކިތުގެ ޢަމަލީ މަސައްކަޔް މި މަހުގެ ފަހުކޮޅު ފަށާނެއެވެ. މިއީ 1100 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ 3 ފަންގިފިލާއަށެވެ. ފުރަތަމަ ފަނގިފިލާގައި 310 މީހުންގެ ޖާގަ، ދެވަނަ ފަންގިފިލާ 390 މީހުންގެ ޖާގަ އޮންނާނެއެވެ. އަދި އެންމެ ތިރީ ފަންގިފިލާފައި 400 މީހުންނަށް ނަމާދު ކުރެވޭނެއެވެ. ފުރަތަމަ ފަންގިފިލާ ޚާއްޞަ ކުރަނީ އަންހެނުންނަށެވެ.
މި މިސްކިތް ބިނާކުރަނީ ޣައްޒާގެ ކޮންޓްރެކްޓަރަކާ ޙަވާލުކޮށްގެން ކަމަށާއި، މަސައްކަތަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް މިއަހަރުގެ ތެރޭގައި މިސްކިތް ބިނާކޮށް ނިންމާލެވޭނެ ކަމަށް އުއްމީދުކުރާކަމަށް އައިއޭސީން ބުންޏެވެ. ދިވެހިންގެ އެހީގައި ޣައްޒާގައި ބިނާކުރާ މިސްކިތުގެ ނަމަކީ މަސްޖިދުލް ޤުއްދޫސް އެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ މަޤްޞަދުގެ ތެރޭގައި، މުސްލިމުންގެ މެދުގައި އެކިކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވެ، ސަޕޯޓްކުރެވޭނެ ގޮތްތައް ހޯދުމާއި، ޢާންމުކޮށް މުޅި ދުނިޔޭގައި ތަކުލީފު އުފުލަމުންދާ މީހުންނަށް ތާއީދުކޮށް އެހީތެރިވުމެވެ.
އައިއޭސީން ވަނީ މީގެ ކުރިންވެސް ގިނަ ކެމްޕެއިން ޙަރަކާތްތަކެއް ހިންގައި، ޙާލުގައި ޖެހިފައި ތިބި މުސްލިމުންނަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން 2017 ވަނަ އަހަރު “ހެލްޕް ސީރިއާ މޯލްޑިވްސް” އާއި ”ހެލްޕް ރޮހިންޔާ މޯލްޑިވްސް” 2018 ވަނަ އަހަރު “ޣޫޓާ އިމަޖެންސީ ރިލީފް” އަދި“ވިތު ލަވް ޓު ޣާޒާ” ފަދަ ހަރަކާތްތައް ހިންގައި މުސްލިމުންނަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައިވެއެވެ.