ފަތުރުވެރިކަމަށް ދޫކޮށްފައި އޮތް ރަށްތަކުގައި ހުރި ސަރުކާރުގެ ޙިއްޞާތައް ވިއްކަވާލެއްވުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.
ދާދިފަހުން ފިނޭންސް މިނިސްޓްރީން ވަނީ ރިސޯޓް ހަދަން ސަރުކާރުން ދޫކުރައްވައިފައިވާ 3 ރަށެއްގައި އޮތް ސަރުކާރުގެ ޙިއްޞާ ވިއްކަވާލައްވަން އިޢުލާންކުރައްވައިފައެވެ. ޙިއްޞާ ވިއްކަވާލައްވަން ނިންމައިފައިވާ 3 ރަށަކީ ވ.ބޮޑުމޮހޮރާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓާއި، ށ.ނާއިންފަރު ހޯލްޑިންސް ޕްރައިވެޓް ލިމިޑެޓާއި، ށ.ހުރަސްފަރު ހޯލްޑިންގްސްގައިވާ ސަރުކާރުގެ ޙިއްޞާއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ، މި 3 ރަށުގައި އޮތް ސަރުކާރުގެ ޙިއްޞާ ދޫކޮށްލާތީ، ޙިއްޞާގެ ވެލުއޭޝަނެއް ނުވަތަ އަގުމަގުކޮށްދޭނޭ ފަރާތެއް ހޯދަން އިޢުލާންކުރައްވައިފައެވެ.
މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުސޫމް ވިދާޅުވީ، މި ރަށްތަކުގައި ހުރި ސަރުކާރުގެ ޙިއްޞާ ދޫކޮށްލައްވަން ނިންމަވައިފައިވަނީ އެ ތަންތަނަށް ފައިދާ ނުވާތީ އާއި، އެ ތަންތަން ރަނގަޅަށް ހިންގުމަށް ފުރުޞަތު ދެއްވުމުގެ ގޮތުންކަމަށެވެ.
ކުންފުނިތަކުން ބޭނުންވެއްޖެނަމަ ސަރުކާރުގައި އޮތް ޙިއްޞާ ގަނެވޭގޮތަށް މަޖިލީހުން ވަނީ ޓޫރިޒަމް ޤާނޫނަށް ބަދަލު ގެންނަވައިފައެވެ. އިކޮނޮމިކް ކައުންސިލުން ނިންމަވައިފައިވަނީ އެހެން ހުރި ހުރިހައި ރިސޯޓްތަކެއްގެ ޙިއްޞާވެސް ވިއްކަވާލެއްވުމަށްކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
“އިކޮނޮމިކް ކައުންސިލުން ނިންމާފައި އިންނާނެ މިހެން ހުރި (ބިޑް ނުކޮށް ދޫކޮށްފައި ހުރި) ހުރިހައި ރިސޯޓްތަކެއްގެ ހިއްސާ ވިއްކަން. ސަރުކާރުގެ ހިއްސާ ގަންނަން ބޭނުންތޯ ބަލާފައި ގަންނަން ބޭނުމިއްޔާ ވެލުއޭޝަން ހަދާފައި ވިއްކާލާގޮތައް. އެ ޕްރޮސެސް އެ ކުރިއަށްދަނީ.” މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.
ސަރުކާރުގެ ޙިއްޞާ ބައެއް ރަށްރަށުގައި ހުރީ ބިޑްނުކުރައްވައި ރިސޯޓް ހަދަން ދެއްވައިފައި ހުރުމުންނެވެ. ބިޑް ނުކުރައްވައި ރިސޯޓް ހަދަން ރަށްތައް ދެއްވާއިރު ޢަންމު ގޮތެއްގައި ސަރުކާރުގެ %5-10 ޙިއްޞާ އެ ރަށެއްގައި ބާއްވަވައެވެ. ނަމަވެސް ބިޑްކުރައްވައިގެން ދެއްވާއިރު ސަރުކާރުގެ ޙިއްޞާއެއް ނުބާއްވަވައެވެ.
ޝަންގްރިއްލާ ރިސޯޓް ތަރައްޤީކުރި، އައްޑޫ އިންވެސްޓްމަންޓް ކުންފުނީގައި އޮތް ސަރުކާރުގެ %30 ޙިއްސޞާވެސް ވަނީ ފައިދާ ނުވާތީ ސަރުކާރުން ދޫކޮށްލައްވައިފައެވެ.