ސިޔާސީ

އެމްއެމްޕީއާރުސީ މައްސަލަ މަޖިލީހުން ތަހްޤީޤްކުރަން ގޮވާލައިފި


މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޚިޔާނާތުގެ މައްސަލަ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ތަޙްޤީޤް ކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

މިއަދު ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ އިޤްތިޞާދީ ކޮމެޓީގެ މުޤައްރިރު އަދި ޤައުމީ މަޖިލީހުގެ މެމްބަރު އަޙްމަދު ތަސްމީނު ޢަލީ ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަތައް ފުރިހަމަޔަށް ތަޙުޤީގު ނުކުރެވިއްޖެނަމަ ރާއްޖޭގެ މާލީ ނިޒާމާމެދު ބޭރުގެ ފަރާތްތަކުން ސުވާލު އުފައްދާ ރާއްޖޭގައި އިންވެސްޓްކުރުމަށް ފަސްޖެހޭނެކަމަށެވެ.

ސަރުކާރަށް ތުހުމަތުކުރެވޭ ކަރަޕްޝަންގެ މައްސަލަތައް ތަޙްޤީޤްކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރުކަން އިދިކޮޅު ފަރާތްތަކަށް ދިނުމަށްވެސް އެމްޑީޕީން މިއަދު ގޮވާލާފައިވެއެވެ. ސަރުކާރަށް ތުހުމަތުކުރެވޭ ކަރަޕްޝަންގެ މައްސަލަތައް ބޭރުގެ ފަރާތްތަކުންވެސް ތަޙްޤީޤްކުރުމުގެ ކުރިން ރާއްޖެއިން އެކަންކަމުގެ ފުރިހަމަ ތަޙްޤީޤެއް ހިންގަންޖެހޭކަމަށް އެމްޑީޕީން ބުނެއެވެ.