ޚަބަރު

ގްރޭޑް 1އަށް ކުދިން ވެއްދުމަށް ހޯމަ ދުވަހު ހުޅުވާލަނީ


ދިރާސީ އައު އަހަރަށް، މާލެ ސަރަޙައްދުގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1އަށް ކުދިން ވެއްދުމުގެ ފުރުޞަތު، އަންނަ ހޯމަ ދުވަހު ހުޅުވާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

2023-2024 ކުރިއަށްދާ ދިރާސީ އައު އަހަރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓްމަހުގެ 6ވަނަ ދުވަހުއެވެ. ގްރޭޑް އެކަކަށް ކުދިން ވެއްދުމަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ހޯމަ ދުވަހު ހުޅުވާލިނަމަވެސް، އެހެން ގްރޭޑްތަަކުން ޖާގަ ހޯދުމަށް ފޯމު ހުށައެޅުމަށް ހުޅުވާލަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 22ވަނަ ދުވަހުން ފެށިގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މާލެ ސްކޫލްތަކަށް ކުދިން ވެއްދުމަށް އެދޭ ފޯމް (https://myoffice.moe.gov.mv/forms) މި ލިންކްއިން ލިބޭނެއެވެ.

ސަރުކާރު ސްކޫލްތަކަށް މިހާރު ޖާޖަ ދެމުން އަންނަނީ، އެ ކުއްޖަކު ދިރިއުޅޭ ގެ ހުންނަ ސަރަޙައްދާ ކައިރި ސްކޫލްތަކަށް އިސްކަން ދީގެންނެވެ. މިއީ ސްކޫލަށް ކުދިން ގެންދިއުމަށް ފަސޭހަކުރުމަށް ހަމަޖައްސާފައިވާ އުޞޫލެކެވެ.

ތަޢުލީމީ ނިޒާމަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން، ދިރާސީ އަހަރު ފެށޭ ދުވަސްވަރަށް ބަދަލު ގެނެސްފައިވަނީ 2021ވަނަ އަހަރުއެވެ. މިހާރު ކުރިއަށްދަނީ މި ބަދަލާއެކު ދެވަނަ ދިރާސީ އަހަރެވެ. ދިރާސީ އަހަރަށް ގެނައި ބަދަލާއެކު މިހާރު ސްކޫލް ބޮޑު ޗުއްޓީ އަންނަނީ އަހަރުގެ މެދުތެރޭގައެވެ.

މިހާރު ކުރިއަށްދާ ދިރާސީ އަހަރު ނިމޭނީ މިއަހަރުގެ ޖޫން 22ވަނަ ދުވަހުއެވެ.