ވިޔަފާރި

އެސްއެމްއީ ބޭންކް: 4 އަހަރު ތެރޭގައި 1.6 ބިލިއަން ރުފިޔާގެ ލޯނު


އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ ނުވަތަ އެސްއެމްއީ ބޭންކަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އުފައްދާފައިވާ ބޭންކެކެވެ. މި ބޭންކު އުފައްދަވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ.

އެސްޑީއެފްސީ އުފެދުމުގެ އެންމެ މުހިންމެ ބޭނުމަކަށްވެސްވީ މާލީ އެހެން އިދާރާތަކުން ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުން ދަތިވުމުގެ ސަބަބުން މިފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމެވެ.

އެސްޑީއެފްސީން އަންނަނީ މާލީ އެހީ ލުއި އިންޓްރެސްޓު ރޭޓެއްގައި ވިޔަފާރިތަކަށް ފޯރުކޮށްދެމުންނެވެ. މިކުންފުނިން ދޫކުރާ ލޯންތަކަށް ރަށުގައި ތިބެގެން އޮންލައިންކޮށްވެސް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ. އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ އެސްއެމްއީތަކަށް ވީހާވެސް ފަސޭހަކޮށް އިންތިޒާމްތައް ހަމަޖައްސައިދިނުމަށެވެ.

އެސްއެމްއީ ބޭންކަށް 4 އަހަރު ވެގެންދިޔައިރު މި ބޭންކުން 5 ދާއިރާއަކުން އަންނަނީ ވިޔަފާރިތަކަށް ލޯނު ދޫކުރަމުންނެވެ. އެއީ ރަށު ފަތުރުވެރިކަން، ދަނޑުވެރިކަން، މަސްވެރިކަން، އުފެއްދުންތެރިކަމާއި ގުޅުންހުރި ވިޔަފާރިތައް އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއެވެ.

އެސްއެމްއީ ބޭންކުން މިވީ 4 އަހަރުގެ ތެރޭގައި މިހާތަނަށް 1387 މީހަކަށް 1،672،733،086 ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެސްއެމްއީ ބޭންކުން މިހާތަނަށް ލޯނު ދޫކޮށްފައިވާ ދާއިރާތަކާއި އަދަދު:

* ފަށާ ވިޔަފާރި - 402 މީހަކަށް 296،869،791 ރުފިޔާ
* ހަރުމުދާ - 241 މީހަކަށް 475،275،010 ރުފިޔާ
* ވިޔަފާރި ތަރައްޤީ - 218 މީހަކަށް 266،000،358 ރުފިޔާ
* ވިޔަފާރި އެހީ - 215 މީހަކަށް 159،522،917 ރުފިޔާ
* ރަށު ފަތުރު - 183 މީހަކަށް 395،705،472 ރުފިޔާ
* ދަނޑުވެރި ނަފާ - 35 މީހަކަށް 10،524،135 ރުފިޔާ
* ކަނޑުފަޅު ނަފާ - 1،295،000 ރުފިޔާ
* ކޯވިޑް ސްޓިމިއުލަސް ޕެކޭޖް - 82 މީހަކަށް 54،541،017 ރުފިޔާ

އެސްއެމްއީ ބޭންކުން ވަރަށް ޚާއްސަ އިސްކަމެއްދީގެން އަންހެނުންނަށް އަންނަނީ ލޯނު ދޫކުރަމުންނެވެ. އެގޮތުން މިވީ 4 އަހަރު ދުވަހުގެ ތެރޭގައި 135 އަންހެން ވިޔަފާރިވެރިއަކަށް މުޅި ޖުމްލަ 88،200،272 ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.

އެސްއެމްއީ ބެންކުގެ ހަމައެކަނި ޒިންމާއަކީ ލޯނު ދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި އެސްއެމްއީ ބޭންކް މެދުވެރިކޮށް ފަންނީ އެހީތެރިކަން ދީގެން ކާމިޔާބު ވިޔަފާރިއަކަށް އެ ވިޔަފާރިތައް ހެދުމަކީވެސް އެސްއެމްއީ ބޭންކުގެ ވަރަށް ބޮޑު މަޤްޞަދެކެވެ.