ފިޠުރު ޢީދު އަޅުގަނޑުމެއްނާ ބައްދަލު ކުރާއިރު މިހާރު މިވަނީ 2023 ވަނަ އަހަރުގެ ފުރަތަމަ ޓާރމްގެ ކިޔެވުން ނިމި ޗުއްޓީވެސް ފެށިފައެވެ. ޢީދު ޗުއްޓީއަކީ އަބަދުވެސް ގިނަބަޔަކު އެއްތަނުން އަނެއްތަނަށް ޗުއްޓީއަށް ދަތުރުކުރާ ދުވަސްވަރެވެ. މި ޗުއްޓީގައި ފުރައިގެން ދާއިރު ސަމާލުކަންދޭންޖެހޭ ގިނަ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ޗުއްޓީއަށް ރަށުން ބޭރަށް ފުރައިގެން ދިއުމުގެ ކުރިން އަމިއްލަ މުދަލާއި ގެދޮރުގެ ރައްކާތެރިކަމަށް ސަމާލުވުމަށް ކޮންމެ އަހަރަކުވެސް ފުލުހުން ދަނީ އިލްތިމާސް ކުރަމުންނެވެ.
ޢީދު ބަންދަށް ރަށުން ބޭރަށްދާއިރު ސަމާލުކަން ދޭންވީ ކަންތައްތަކުގެ މަޢުލޫމާތު ޕީއެސްއެމްނިއުސްއާ ޙިއްޞާކުރައްވަމުން އައްޑޫ ސިޓީ ހިތަދޫގެ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ޗީފް އިންސްޕެކްޓާރ އޮފް ޕޮލިސް ޢަބްދުﷲ އިބްރާހީމް ވިދާޅުވީ، ޗުއްޓީއަށް ދިއުމަށް ރަށުން ބޭރަށް ފުރަންދއިުމަށް ގެއިން ނުކުތުމުގެ ކުރިން ގެދޮރުތައް ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކޮށް، ފެންލައިޓް، ވައިގޮޅި، ގޭގެ ކުޑަދޮރުތައް އަދި ބެލްކަނި ދޮރުވެސް ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުން މުހިންމުކަމަށެވެ.
އަދި ދުވާލަކު އެއްފަހަރު، ގެދޮރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ދިއުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ޢަބްދުﷲ އިބްރާހީމް ވަނީ، ގެ ތަޅުލާފައި ދާނަމަ ގޭގައި އަލިކަން ބަހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ. މިއީ މުދަލާއި ގެދޮރުގެ ސަލާމަތަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ޢަބްދުﷲ އިބްރާހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ގޭގެ އެއްވެސް ދޮރެއްގެ ތަޅު ހަލާކުވެފައިވާނަމަ ތަޅު ބަދަލުކުރުމަށްފަހު ޗުއްޓީއައް ފުރުން ބުއްދިވެރިއެވެ. އަދި މާލެއަކީ ފޭރުމާއި ވައްކަމުގެ މައްސަލަ ބޮޑު ތަނަކަށްވުމުން ޗުއްޓީއަށް ރަށުން ބޭރަށް ފުރުމުގެ ކުރިން ގޭގައި ފައިސާ ރައްކާކޮށްފައި ދިޔުމުގެ ބަދަލުގައި އަމިއްލަ އެކައުންޓައް ފައިސާ ޖަމާކޮށްފައި ދިއުންވެސް މުހިންމެއެވެ.
ޢަބްދުﷲ އިބްރާހީމް ވިދާޅުވީ ޢީދާ ދިމާކޮށް ބާއްވާ ސޭލްތަކުގައި ނުއަގުގައި ވިއްކާ ތަކެތި ނުގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީތަންތަނުން ވަގަށް ނަގާފައިވާ ތަކެއްޗަށްވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކުރައްވަމުން، ޗީފް އިންސްޕެކްޓާރ އޮފް ޕޮލިސް ޢަބްދުﷲ އިބްރާހީމް ވިދާޅުވީ، އެއްޗެއް ގަތުމުގެ ކުރިން އެއީ ވަގަށް ނަގާފައިވާ ތަކެތިތޯ ޔަޤީންކުރުން މުހިންމުކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އާބާދީ ބޮޑެތި ސަރަޙައްދުތަކަށް މި ފަދަ ބަންދުތަކުގައި ގިނަ މީހުން ޒިޔާރަތްކުރާ ވާހަކަ ފާހަގަކުރައްވަމުން ޢަބްދުﷲ އިބްރާހީމް ވިދާޅުވީ ކަނޑައެޅިފައިވާ ޓްރެޕިކް ޤަވާޢިދާ އެއްގޮތަށް ސައިކަލް ފަދަ އުޅަނދުތައް ދުއްވުމަށް ހުރިހާ ފަރާއްތަކަށް އިލްތިމާސްކުރާކަމަށެއެވެ.
"ރަށްރަށައް ވަޑައިގަންނަވާއިރުގައި އާންމުގޮތެއްގައި ކުދި ރަށްރަށުގައި ވަރަށް ކައިރީގައި ގޮނޑުދޮށް މިއޮއްނަނީ. އެހެންވީމަ ކުޑަ ކުދިން މޫދާ ކައިރިއަށް ބޮޑު މީހަކާއި ނުލައި ދޫނުކުރުމަށް، އެކުދިންގެ ސޭފްޓީ އަދި އަމިއްލަ ރައްކާތެރިކަމަަށް ބެލުމަކީވެސް ވަރަށް މުހިންމު ކަމެއް. އައްޑޫ، ލ.އަތޮޅު ފަދަތަންތަނައް ހަމަގައިމުވެސް ވަރަށް ގިނަ ފަރާތްތަކެއް ދަތުރު ކުރައްވާ ޗުއްޓީ ތަކުގައި. ދަތުރު ކުރައްވާއިރު ބޮޑެތި ސަރާސަރު މަގުތަކުގައި ދަތުރު ކުރާއިރު ޓްރެފިކް ޤަވާއިދާ އެއްގޮތައް އަދި އަމިއްލަ ރައްކާތެރިކަމަށް ބަލައިގެން ދަތުރު ކުރުމަކީ ވަރަށް މުހިންމުކަމެއް" ޢަބްދުﷲ އިބްރާހީމް ވިދާޅުވިއެވެ.
ޗުއްޓީއަށް ފުރުމުގެ ކުރިން ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ޙާދިސާއަކަށް ވިސްނައި، ރައްކާތެރިވުމުގެ ގޮތުން ގޭސް ފުޅިން ގޭސް ލީކުވޭތޯ ޗެކް ކުރުމާއި، ނުވަތަ ގޭސް ފުޅީގެ ރެގިއުލޭޓަރ ނައްޓާލުން ބުއްދިވެރިއެވެ.
މީގެ އިތުރުން ގޭތެރޭގެ ކަރަންޓުގެ ޙާލަތު ބަލާ ކަށަވަރުކޮށް، ކަރަންޓުގެ ޝޯޓޭޖެއް ނުވަތަ އެނޫންވެސް ގޮތަކުން އަލިފާނުގެ ޙާދިސާއެއް ނުހިނގާނެ ގޮތަކަށް ގޭތެރޭގެ ކަންކަން އިންތިޒާމް ކުރުމަކީވެސް ދިމާވެދާނެ ނުރައްކާތެރި ޙާދިސާއަކުން ސަލާމަތްވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެއެވެ.
ޗުއްޓީއައް ނުވަތަ ދިގު މުއްދަތަކަށް ރަށުން ބޭރަށް ދާނަމަ، މުދަލާއި، ހިނގާފާނެ ނުރައްކާތެރި ޙާދިސައަކުން ސަލާމަތްވުމަށް އެޅޭނެ ހުރިހާ ފިޔަވަޅެއް އެޅުމަކީ މުހިންމު ކަމެކެއެވެ. މިގޮތަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ހިންގާ ނުރައްކާތެރި ޙާދިސާތަށް ބޮޑުތަނުން މަދުވެގެން ދާނެއެވެ.