ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުމަށް ކަނޑައަޅާފައިވާ ގަޑި ހަމަވުމާއެކު، ވޯޓު ފޮށިތައް ބަންދުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައަޅާފައި އޮތީ ވޯޓުލުން ހެނދުނު 8:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށް ކުރިއަށްގެންދިއުމަށެވެ. ނަމަވެސް ވޯޓް ނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދާން ބައެއް މީހުންނަށް ދަތިވުމުން، ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިތުރުކޮށްދީފައެވެ.
ވޯޓުލުމަށް ކަނޑައަޅާފައިވާ ގަޑި ހަމަވުމާއެކު އިންތިޚާބުގައި ވޯޓުލުމަށްޓަކާ ބަހައްޓާފައިވާ 6 ފޮށިވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. ވޯޓުފޮށިތައް ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އިރުއޮއްސި 6:30 ގައެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށްބަލާއިރު، މިއަދު ހަވީރު 4:00 ޖެހުމާއި ހަމައަށް 2672 މީހަކު މި އިންތިޚާބުގައި ވޯޓުލާފައިވެއެވެ. މީގެ ތެރޭގައި 1382 ފިރިހެނުންނާއި، 1290 އަންހެނުން ހިމެނެއެވެ. ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 3423 މީހުންގެ ތެރެއިން އެހާތަނަށް ވޯޓުނުލާ ތިބި މީހުންގެ އިންސައްތައަކީ %21.94 އެވެ.
ބައި-އިލެކްޝަންގައި ޖުމްލަ 6 ވޯޓު ފޮށީ ބަހައްޓާފައިވެއެވެ. އެއީ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފޮށި، ގުޅީގައި 1 ފޮށި އަދި ގުރައިދޫ ދާއިރާގެ މީހުން ވޯޓުލުމަށް މާލޭ ޢިއްޒުއްދީން ސްކޫލްގައި 1 ފޮށްޓެވެ.
މިއަދު ކުރިއަށްދާ ބައި އިލެކްޝަންގައި މައްސަލަތަކެއް ދިމާވެ، ނުވަތަ ހަމަނުޖެހުމެއް ހިންގުމުގެ އެއްވެސް ކަމެއް ހިނގާފައެއް ނުވެއެވެ. ވޯޓުލުން ކުރިއަށްދާ 4 ސަރަހައްދުގައިވެސް ވޯޓްލުމުގެ ކަންކަން ކުރިއަށްގެސްފައިވަނީ އަމާންކަމާއެކުއެވެ.