ޚަބަރު

"ބެސްޓް ޓޫރިޒަމް ވިލެޖަސް"އަށް ވާދަކުރުމުގެ ފުރުޞަތު ރާއްޖޭގެ ރަށްތަކަށް


ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާ، ޔޫ.އެން.ޑަބްލިއު.ޓީ.އޯއިން ކުރިއަށް ގެންދާ "ބެސްޓް ޓޫރިޒަމް ވިލެޖަސް 2023" އަށް ވާދަކުރުމަށް ރަށްރަށުގެ ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

"ބެސްޓް ޓޫރިޒަމް ވިލެޖަސް" އަކީ ރަށްފުށުގެ ކުރިއެރުމާއި، ތަރައްޤީ އަދި ދުޅަހެޔޮ ދިރިއުޅުމަށް މަގުފަހިކޮށްދޭ މައި ވަޞީލަތުގައި ފަތުރުވެރިކަން ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، ރަށްފުށު ފަތުރުވެރިކަމަށް އަމާޒުކޮށްގެން 2021 ވަނައަހަރުން ފެށިގެން އދ.ގެ ފަތުރުވެރިކަމާއި ބެހޭ އިދާރާ، ޔޫ.އެން.ޑަބްލިއު.ޓީ.އޯއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ރާއްޖޭގައި ރަށްފުށު ފަތުރުވެރިކަމަށް ޚާއްޞަ 8 ރަށެއްގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ޓޫރިޒަމް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މި ޕްރޮގްރާމްގައި ވާދަކުރަން ޝައުޤުވެރިވާ ރަށްތަކުންމިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އެ މިނިސްޓްރީއަށް ނަން ހުށަހެޅުމުގެ ފުރުޞަތު ރަށު ކައުންސިލްތަކަށް ވަނީ ހުޅުވާލާފައެވެ.

"ބެސްޓް ޓޫރިޒަމް ވިލެޖަސް" އާ ބެހޭގޮތުން މައުލޫމާތު ދެއްވަމުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓޫރިޒަމް މިނިސްޓަރުގެ ނާއިބު އަސްޢަދު ރިޒާ ވިދާޅުވީ ރާއްޖޭގައި މިހާތަނަށް 100 އަށްވުރެ ގިނަ ރަށުގައި ގެސްޓުހައުސް އެބަހުރިކަމަށެއެވެ. އެގޮތުން މި ފުރުޞަތު ހުޅުވަލާއިރު އޭގެތެރެއިން ޔޫ.އެން.ޑަބްލިއު.ޓީ.އޯއިން ބަލާ ޝަރުތުތައް ހަމަވާ 8 ރަށަކަށް ފުރުޞަތު ދެވޭނެކަމަށް އަސްޢަދު ވިދާޅުވިއެވެ.

"ރާއްޖޭގެ މިހާތަނައް 100 އަށްވުރެ ގިނަ ރަށުގައި ގެސްޓްހައުސް އެބަހުރި. މި ހުރިހާ ރަށަކަށް މި ފުރުޞަތު ހުޅުވާލާނީީ. ދެން އޭގެ ތެރެއިން އަޅުގަނޑުމެނަށް އެޕްލިކޭޝަން ލިބޭ ރަށްތަކުގެ ތެރެއިން އަޅުގަނޑުމެން ސެލެކްޓް ކުރާ ރަށްތަކުގެ ތެރެއިން ޔޫ.އެން.ޑަބްލިއު.ޓީ.އޯ ގެ ކްރިޓީރިއާއަށް ވާދަކުރެވޭނީ ކޮން ރަށްތަކަކައްތޯ ފުރުޞަތު މިއޮތީ" އަސްޢަދު ވިދާޅުވިއެވެ.

ނަން ހުށަހަޅާ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަން ފުޅާވުމަށް މަގުފަހިވެފައިވާ މިންވަރަށް ބެލުމަށްފަހު އެންމެ ރަނގަޅު ރަށްތަކުގެ ތެރެއިން ގިނަވެގެން 8 ރަށް ރާއްޖޭގެ ފަރާތުން "ބެސްޓް ޓޫރިޒަމް ވިލެޖަސް 2023" އަށް ހުށައަޅާނެއެވެ. މިކަމަށް ބޭނުންވާ އެޕްލިކޭޝަން ފޯމާއި، "ކެނޑިޑެސީ ޑޮކިއުމެންޓް" ފުރިހަމަކުރުމާއި، ވީޑިއޯ އަދި ޖެނެރަލް ޕްރެޒެންޓޭޝަން ތައްޔާރުކުރުމުގައި ޓޫރިޒަމް މިނިސްޓްރީން މިރަށްތަކަށް އެހީތެރިވެދެއްވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 40 ޤައުމަކުން 70 އަށް ވުރެ ގިނަ އަވަށާއި، ރަށް ދުނިޔޭގެ ފެންވަރުގައި ވަނީ ފާހަގަކޮށްފައެވެ. ޔޫ.އެން.ޑަބްލިއު.ޓީ.އޯ ގެ މެންބަރު ޤައުމުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެ، ހޮވޭ އަވަށާއި، ރަށްތައް ފަތުރުވެރިކަން ތަރައްޤީކުރުމުގެ ލާމަޞީލު ނަމޫނާއެއް ގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެއެވެ.

އަދި "ބެސްޓް ޓޫރިޒަމް ވިލެޖް" ނެޓްވޯކްގައި ބައިވެރިވެ، މިނެޓްވޯކްގައި ހިމެނޭ އެހެން ޤައުމުތަކާއެކު ފަތުރުވެރިކަމާ ގުޅުންހުރި އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތުވެސް އެ ރަށަކަށް ލިބެއެވެ. މިކަމުގެ ސަބަބުން އެ ރަށަކާއި ރަށުގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުވުމަށް މަގުފަހިވާނެއެވެ. މިއީ ރަށުގެ ތަރައްޤީއަށް އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެކަމެއްކަން ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ރަށްތައް ހޮވުމުގައި ޔޫ.އެން.ޑަބްލިއު.ޓީ.އޯއިން އެންމެ ބޮޑަށް އިސްކަންދޭނީ ރަށުގައި ސަގާފީ ގޮތުން ހިމާޔަތްކުރެވިފައިވާ ތަންތަނަށް ކަމަށެވެ. އަދި ޤުދުރަތީ ރީތި ތަންތަން ޙިމާޔަތް ކުރެވިފައިވާނަމަ އެ ތަންތަނުގެ މަޢުލޫމާތު ވެސް ހުށައަޅާ ފޯމްގައި ހިމެނުން މުހިންމު ކަމަށެއެވެ. އަދި ސަގާފީ ތަރިކަ ޙިމާޔަތްކޮށް، ރައްކާތެރިކުރެވޭ ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރަށުފެންވަރުގައި ކުރާ މަސައްކަތަކަށް ބެލޭނެކަމަށް އެ މިނިސްޓްރީއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ، ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެ، ކުރިއެރުމަށް މަގުފަހިވެފައިވާ ރަށްތަކުގެ ތެރެއިން ރަށުގައި ދިރިއުޅޭ އާބާދީގެ ޢަދަދު 15،000 އަށް ވުރެ މަތިނޫން ރަށްރަށަށެވެ.