ޚަބަރު

ބިން ހިއްކުމުގެ މަޝްރޫޢާއެކު ގުޅީގެ ބިން 2 ގުނައަަށް ބޮޑުވާނެ


ކ.ގުޅިއަކީ 9 ހެކްޓަރުގެ ރަށެކެވެ. ރަށުގެ އާބާދީ ހާހަކާ ގާތްކުރެއެވެ. ރާއްޖޭގެ ގިނަ އެހެން ރަށްތަކޭ އެއްގޮތަށް ކ. ގުޅިއަކީވެސް ބިމުގެ ދަތިކަން ކުރިމަތިވެފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ރަށެކެވެ.

ބިން ތަނަވަސްކޮށްދީ، ބޯހިޔާވަހިކަމާއި އިޤްތިޞާދަށް އިތުރު ގޮތްތައް ފަހިކޮށްދިނުމަށް، ސަރުކާރުން ކ.ގުޅީގެ ބިން ހިއްކެވުމަށް ނިންމަވައި، އެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރެއްވީ މިދިޔަ މާޗްމަހުގެ 20 ވަނަ ދުވަހުއެވެ. އެއީ އެރަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމަށެވެ. މިއާއެކު ގުޅީގެ ބިން ދެގުނަ އިތުރުވެގެންދާނެއެވެ.

ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވަނީ މިދިޔަ ހޯމަދުވަހު ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެ ރަަށަށް ގެންގޮސްފައެވެ. އަދި ޕްރޮޖެކްޓްގެ ސަރވޭ އާއި، ސައިޓް ތައްޔާރުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަައިފައެވެ.

އެމްޓީސީސީން ބުނީ ބިން ހިއްކާ ސަރަޙައްދުގެ ބައުންޑް ވޯލް ޖެހުމުގެ މަސައްކަތް މިމަހު ކުރިއަށްދާނެ ކަމަށެެވެ. އަދި ހިއްކާ ސަރަޙައްދަށް މަހާ ޖައްރާފް ބޭނުންކޮށްގެން ވެލިއެޅުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އަމިއްލަ ބޯހިޔާވަހިކަމެއް ބޭނުންވާ ގިނަ އާއިލާތަކެއް ތިބި ގުޅިން އެންމެ ފަހުން ގުޅިން ގޯތިގެދޮރަށް ބިން ދޫކުރީ 2003 ވަނަ އަހަރުއެވެ. ނަމަވެސް އެއީ އެންމެ 13 ބިމެވެ. އަދި އާބާދީ އިތުރުވަމުން އައުމާއެކު ގުޅީގައި ބިން ބޭނުންވާ އެތައް ބަޔަކު ތިބިނަމަވެސް، ރަށުގައި ދޫކުރާނެ ބިމެއް ނެތުމުގެ ކަންބޮޑުވުން ގުޅީ ކައުންސިލުން ފާހަގަކުރެއެވެ.

ސަފީލް ވިދާޅުވީ ކައުންސިލުން ބެލި ބެލުމުގައި، އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 150 އާއި 200އާ ދެމެދުގެ އަދަދަކަށް މީހުން ރަށުގައި އެބަތިއްބެވެ.

"20-25 އަހަރު މިވިބީ ގޯތި ނުދެވި. ގާތްގަނޑަކަށް 25 އަހަރު ވެއްޖެ ބިމުގެ ދަތިކަން އޮންނަތާ. މީގެ ސަބަބުން ބައިވަރު މައްސަލަ ނިކުމޭ. އެއް ގެއެއް ބަހައިގެން، ކުދިކުދި ކޮޓަރިވަރު ތަންތަންކޮޅުގައި ދިރިއުޅޭ ގިނަ އާއިލާތަކެއް އެބަތިބި" ގުޅީ ކައުންސިލްގެ ރައީސް ސަފީލް ވިދާޅުވިއެވެ.

ކ.ގުޅިއަކީ މަސްވެރިކަމާއި ލޯކަލް ޓުއަރިޒަމްވެސް ފުޅާވަމުން އަންނަ ރަށެކެވެ. ރަށުގައި 12 ގެސްޓް ހައުސް ހިންގަމުން އަންނައިރު އެއީ 150 އެނދެވެ.

2019 ވަނަ އަހަރު ގުޅީގައި ފެނާއި ނަރުދަމާގެ މަޝްރޫޢު ވަނީ ކުރިއަށްގެންގޮސްފައެވެ. ސަފީލް ވިދާޅުވީ ރަށަށް އަންނަ އުމްރާނީ ތަރައްޤީއާއެކުވެސް އިތުރަށް ވިޔަފާރި ފުޅާވަމުންދާކަމަށެވެ. އެގޮތުން އިތުރު 100 އެނދު މިއަހަރު ވިޔަފާރިއަށް ނެރުމަށް މަސައްކަތް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި މަސްވެރިކަމާއި ގުޅޭ އެހެނިހެން ކުދި ވިޔަފާރިތައްވެސް ފުޅާވަމުންދާ ގުޅީގައި ބިން ހިއްކާ ނިމި، އެތަނުން ބޯހިޔާވަހިކަމަށް ބިން ދޫކުރުމުގެ އިތުރަށް، ރަށުގައި އިޤްތިޞާދީ އިތުރު ފުރުޞަތުތަކަށްވެސް ބިން ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ރަށު ކައުންސިލުން ބުނެއެވެ.

ގުޅީގެ ބިން ހިއްކަން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 15 މަސް ދުވަހުން ނިންމާގޮތަށް، 82.99 މިިލިއަން ރުފިޔާއަށެވެ. އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުގެ ދަށުން ގުޅިން 10.15 ހެކްޓަރުގެ ބިން ހިއްކުމާއި 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުން ކުރިއަށްދާނެއެވެ. އަދި 88 މީޓަރުގެ ގޮރޮއިން ޖެހުމުގެ މަސައްކަތްވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.