ވިޔަފާރި

އެމްއެސްއެސް މެދުވެރިކޮށް ވިޔަފާރިވެރިންނަށް މުދާ ނުގެނެވޭނެ ޤައުމެއް މިހާރު ނެތް


މޯލްޑިވްސް ސްޓޭޓް ޝިޕިން މެދުވެރިކޮށް ވިޔަފާރިވެރިންނަށް މުދާ ނުގެނެވޭނެ ޤައުމެއް މިހާރު ނޯންނާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. ވިޔަފާރިވެރިން ބޭނުންވާ ކޮންމެ ޤައުމަކުންވެސް އެ ކުންފުންޏާ ގުޅިގެން މުދާ ގެނެވޭނެކަމުގެ ޔަޤީންކަން އެމް.އެސް.އެސްއިން ވަނީ ދީފައެވެ.

އެމް.އެސް.އެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސް.ޓީ.އޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެ ކުންފުނީގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ. އެމްއެސްއެސްގެ އަމިއްލަ 3 ބޯޓެއް މިހާރު އެބައޮތެވެ. އެއީ ކޮންޓެއިނަރ 2 ބޯޓާއި، 44000 ޓަނުގެ ބަލްކް ކެރިއަރއަރއެކެވެ.

އެމް.އެސް.އެސްގެ ކޮންޓެއިނަރ ނެތް ހިސާބުތަކުގައި ފްރައިޓް ފޯވާޑިންގެ އުޞޫލުންވެސް ކަސްޓަމަރުން ބޭނުންވާ މުދާ އެ ކުންފުނިން މިހާރު ގެނެސްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ވިޔަފާރިވެރިންގެ ރެސްޓްރިކްޝަނެއް ނެތިއްޔާ އެ ބޭފުޅުން ކޮންމެ ޤައުމަކުންވެސް މުދާ ގަންނަންވީ. ގަނެފައި އަޅުގަނޑުމެންނާ ގުޅަންވީ އެޤައުމަކުން ގެންނަން. އެމް.އެސް.އެސްއިން ނޫނެކޭ ބުނާނެ ޤައުމެއް ނޯންނާނެ. ވިޔަފާރިވެރިންގެ ކެޕޭސިޓީ ހުންނަ މިންވަރަކުން އެ ހެޔޮ ޔޫރަޕްގެ ޤައުމަކުންވިޔަސް، ސައުތު އެމެރިކާއިން ވިޔަސް، އެ ޚިދުމަތް ފޯރުކޮށްދޭނެ” ކެޕްޓަން މުޙައްމަދު ނާޒިމް ވިދާޅުވިއެވެ.

އެމް.އެސް.އެސްއިން އާންމު ގޮތެއްގައި މިހާރު މުދާ ގެންނަ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ދުބާއީ، ބެންކޮކް، ސިންގަޕޯރ، މެލޭޝިއާ، ތައިލޭންޑް، ކުވެއިތު، އިންޑޮނޭޝިއާ އަދި ޗައިނާއެވެ. މިއީ އާންމުގޮތެއްގައި ދިވެހިން މުދާ ގެންނަ ޤައުމުތަކެވެ. މި ޤައުމުތަކުން ވެސް ގެންނަ މުދަލުގެ ބޮޑު ބައެއް މިހާރު ޙިއްސާކުރަނީ އެމް.އެސް.އެސް މެދުވެރިކޮށް ގެންނަ މުދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

"ދުބާއީން ރާއްޖެ ގެންނަ މުދަލުގެ %45 އަކީ ހަމައެކަނި އެމް.އެސް.އެސްއިން ކޭޓަކުރާ މުދާ. އަނެއް %55 އަކީ ހުރިހައި ފްރައިޓް ޕޯވަރޑާސް ޝިޕިން ކުންފުނިތައް ވެގެން މި އެތެރެކުރަނީ. އަޅުގަނޑުމެންނަށް މާކެޓް ކެޕްޗަރވެސް ކުރެވިއްޖެ. ކޮލަންބޯ އާއި މާލެއާއި ދޭތެރޭގައި އުފުލާ މުދަލުގެ ގާތްގަނޑަކަށް %50 ނުވަތަ %60 އަޅުގަނޑުމެން ހޭންޑަލް ކުރަނީ. ކަސްޓަމަރުން އެ ބޭނުންވާ ޑިމާންޑް އަޅުގަނޑުމެންނަށް ފުރިހަމަ ކުރެވިއްޖެ" ކެޕްޓަން މުޙައްމަދު ނާޒިމް ވިދާޅުވިއެވެ.

އެމް.އެސް.އެސްގެ މަސައްކަތްތައް ފުޅާކޮށް، މުދާ އެތެރެކުރަން ބޭނުންކުރާ ކޮންޓެއިނަރަތަކުގައި ވެސް ވަނީ އެކުންފުނީގެ ނަން ބޭނުންކުރަން ފަށާފައެވެ. އަދި އެ ކުންފުނި ވެފައިވަނީ ކުރު މުއްދަތެއްގެ ތެރޭގައި ފައިދާވާ ކުންފުންޏަކަށެވެ. އެމް.އެސް.އެސްގެ ޚިދުމަތްތައް ފުޅާކުރުމަށް، މި ދާއިރާއަށް ބޭނުންވާ ދިވެހިން ތަމްރީންކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.