ޚަބަރު

ދިއްދޫ ފެނުގެ ނިޒާމް ޤާއިމުކުރުމަށް ސިއެރާއާ ހަވާލުކޮށްފި


ހއ ދިއްދޫ ފެނުގެ ނިޒާމް ޑިޒައިންކޮށް ޤާއިމުކުރުމަށް ސިއެރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރައްވައިފިއެވެ.

ދައުލަތުގެ ބަޖެޓުން ހިންގަވާ މި ޕްރޮޖެކްޓަށް ޖުމްލަ ފަންސާސް ދެ މިލިޔަން ހަތްސަތޭކަ ފަސްދޮޅަށް ދެހާސް ދުއިސައްތަ ނަވާވީސް ރުފިޔާ ޚަރަދުވާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މިޕްރޮޖެކްޓްގެ ދަށުން ދިއްދޫ ފެނުގެ ނިޒާމް ފަރުމާކުރުމަށް ބޭނުންވާ ސަރވޭ އަދި ޑިޒައިންގެ މަސައްކަތްވެސް ކުރާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރައްވައެވެ. މި މަޝްރޫޢުގައި ސޮއިކުރުމަށް މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠޯރިޤް އިބްރާހީމް ވިދާޅުވީ މި މަޝްރޫޢަކީ ރައްޔިތުން ވަރަށް އިންތިޒާރުކުރަމުން އައި މަޝްރޫއެއްކަމަށާއި، މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ.

މި މަޝްރޫއު ގެ މަސައްކަތް ސިއެރާއާ ހަވާލުކުރައްވާފައިވަނީ 12 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.