އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މޯލްޑިވިއަން އިން އެންމެ ފަހުން ގެނައި ބޯޓު މިއަދު ޚިދުމަތުގައި ބޭނުންކުރަން ފަށާނެކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ. މި ބޯޓު ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ.
މޯލްޑިވިއަންގެ ބޯޓުތަކުގެ ފްލީޓް ބައު ވުމުގެ ސަބަބުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް 3 ބޯޓު ގެނައުމުގެ މަސައްކަތް އެ ކުންފުނިން ފެށީ މިދިޔަ އަހަރުއެވެ. މިހާރު މި 3 ބޯޓުވެސް މިވަނީ ރާއްޖެ އައިސްފައެވެ.
މި 3 ބޯޓުގެ ތެރެއިން އެންމެ ފަހުން ގެނައީ އޭޓީއާރު 42 މަރުކާގެ ބޯޓެކެވެ. މިއީ 50 މީހުންގެ ޖާގައިގެ ބޯޓެކެވެ.
މި ބޯޓު މިއަދު ޚިދުމަތުގައި ބޭނުންކުރަން ފަށާއިރު އެންމެ ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ކައްދޫ އެއަރޕޯޓަށެވެ. ފުރަތަމަ ދަތުރުގައި 26 ފަސިންޖަރުން ދަތުރުކުރާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ. މީގެފަހުން އެހެން މަންޒިލްތަކަށްވެސް މި ބޯޓު ދަތުރުކުރާނެކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
We are delighted to inform you that our new aircraft ATR42 will enter into Commercial service today ( 08.04.2023) .
— MaldivianAero (@MaldivianAero) April 7, 2023
This aircraft will take off from Velana International Airport at 1200 hrs with 26 passengers to Kahdhoo Airport. pic.twitter.com/K0NMuMP5y9
މޯލްޑިވިއަން އިން ފަހުން ގެނައި މި 3 ބޯޓަކީވެސް ޒަމާނީ ވަސީލަތްތައް ހިމެނޭ، ތެޔޮ ޚަރަދު ކުޑަ އަދި މަރާމާތުގެ ޚަރަދުވެސް ކުޑަ ބޯޓުތަކެއްކަމަށް އެ ކުންފުނިން ބުނެއެވެ. މިބޯޓުތަކާއެކު މޯލްޑިވިއަން އިން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.
މޯލްޑިވިއަން އިން ބުނީ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން މޯލްޑިވިއަންގެ ފްލީޓް އައު ކުރުން ކަމަށެއެވެ. އެގޮތުން މޯލްޑިވިއަންގެ ފްލީޓް އައު ކުރުމަށް އަލަށް ގެނެސްފައިވާ 3 ބޯޓާއެކު ޖުމްލަ 8 ބޯޓް ބޭނުންވާނެކަމަށް އެ ކުންފުނިން ބުނެއެވެ.
މޯލްޑިވިއަން އިން މިހާރު ދަނީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސްގެ ބޯޓެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި ބޯޓާއިއެކު އިތުރު މަންޒިލްތަކަށް ދަތުރު ފެށޭނެކަމަށް އެ ކުންފުނިން ބުނެއެވެ. މިހާރު އެ ކުންފުނިން ދަތުރުކުރަނީ އިންޑިއާގެ ކޮޗިން، ޓްރިވެންޑްރަމް އަދި ބަންގްލަދޭޝްގެ ޑާކާއަށެވެ.