ވިޔަފާރި

ރޯދަމަހު ރާއްޖެއަށް އެންމެ ގިނައިން ގެނެސްފައިވަނީ ފިޔާ އަދި ބިސް


މި ރަމަޟާން މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް އެތެރެކޮށްފައިވަނީ ބިސް އަދި ފިޔާކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ރަމަޟާންމަހަކީ ކެއުމަށް ތައްޔާރުކުރާ ގިނަ ބާވަތްތަކަށް ބިސް އަދި ފިޔާ ބޭނުންވާ މަހެކެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހުވެސް އެމް.ޕީ.އެލްއިން ކެއިންބުއިމަށް ބޭނުންކުރާ ތަކެތި ކްލިއަރކުރާ މިންވަރު އެހެން މަސްމަހާއި ހިލާފަށް އިތުރުވެއެވެ. އެމް.ޕީ.އެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު މަރިޗު މަހު އެމް.ޕީ.އެލްއިން ވަނީ 93011 ޓަނުގެ ބިސް ކްލިއަރ ކޮށްފައެވެ. ފެބްރުއަރީ މަހު އެމް.ޕީ.އެލްއިން ކްލިއަރކޮށްފައިވަނީ 59297 ޓަނުގެ ބިހެވެ. އެހެންކަމުން މިއީ ފެބަރުއަރީ މަހާއި އަޅާބަލާއިރު %57 އިތުރު ޢަދަދެކެވެ.

ފިޔަލަށް ބަލާއިރު ނިމުނު މާރިޗު މަހު އެމް.ޕީ.އެލްއިން 63949 ޓަނުގެ ފިޔާ ވަނީ ކްލިއަރ ކޮށްފައެވެ. ފެބްރުއަރީ މަހު ކްލިއަރކޮށްފައިވަނީ 48170 ޓަނުގެ ފިޔަލެވެ. މިއީ %33 އިތުރު ޢަދަދެކެވެ.

ބިސް އަދި ފިޔާގެ އިތުރުން އަލުވި އަކީވެސް ރޯދަމަހު ޑިމާންޑް އިތުރުވެގެންދާ ބާވަތެކެވެ. މާރިޗު މަހު 25382 ޓަނުގެ އަލުވި ވަނީ ބާޒާރަށް ގެނެސްފައެވެ. އަދި ފެބްރުއަރީ މަހު މި ޢަދަދު އުޅުނީ 19997 ޓަނުގައެވެ. އެހެންކަމުން މިއީ %27 އިތުރު އަދަދެކެވެ.


އެހެން ބައެއް ބާވަތްތަކަށް ބަލާއިރު މި ރަމަޟާންމަހު ރާއްޖެއަށް ގިނަ ޢަދަދަކަށް ކަރާ ވަނީ ގެނެސްފައެވެ. އެގޮތުން މާރިޗު މަހުގެ ތެރޭގައި 31491 ޓަނުގެ ކަރާ ރާއްޖެ ގެނެސްފައިވާއިރު، ފެބްރުއަރީ މަހު ގެނެސްފައިވަނީ 25923 ޓަނުގެ ކަރައެވެ. މިއީ %21 އިތުރު ޢަދަދެކެވެ.

ދޮންކޭލަށް ބަލާލާއިރު މާރިޗު މަހުގެ ތެރޭގައި 12319 ޓަނުގެ ދޮންކެޔޮ ވަނީ ރާއްޖެ ގެނެސްފައެވެ. ފެބްރުއަރީ މަހު ރާއްޖެ ގެނެސްފައިވަނީ 9693 ޓަނުގެ ދޮންކޭލެވެ. އެހެންކަމުން މިއީ %27 އިތުރު ޢަދަދެކެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސް.ޓީ.އޯއިން އަންނަނީ ރޯދަ މަހަށް ޙާއްސަކޮށްގެން ފިޔާ، ބިސް އަދި އަލުވި ހެޔޮ އަގެއްގައި އާންމުންނަށް ފޯރުކޮށްދެމުންނެވެ. އެސް.ޓީ.އޯއިން އަލުވި ކިލޯއެއް ވިއްކަނީ 11 ރުފިޔާއަށެވެ. ފިޔާ ކިލޯއެއް 9 ރުފިޔާއަށް އަދި ބިހެއް ވިއްކަނީ 1.75 ރުފިޔާއަށެވެ.