ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެމެރިކާގެ ޚާރިޖީ ވަޒީރު، އެންތަނީ ބްލިންކަން ރާއްޖެއަށް ތަޢުރީފު ކުރައްވައިފިއެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ރާއްޖެއަށް ތަޢުރީފު ކުރައްވާފައިވަނީ، އެމަރިކާގެ ރައީސް، ޖޯ ބައިޑަން އިންތިޒާމުކުރެއްވި ސަމިޓް ފޯ ޑިމޮކްރަސީގެ ސެޝަނެއްގައި "އެޑްވާންސިން ޓެކްނޮލޮޖީ ފޯ ޑިމޮކްރަސީ" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ސެކްރެޓަރީ ބްލިންކަންގެ ވާހަކަފުޅުގައި ވަނީ ޑިމޮކްރަސީގެ އަސާސްތައް ކުރިއަރުވައި އެނިޒާމާ ގުޅުންހުރި މުއައްސަސާތައް ވަރުގަދަކޮށް ރައްޔިތުންނަށް އެކަންކަމުގެ ހެޔޮ ނަތީޖާ ދެއްކުމަށްޓަކައި އެކި ޤައުމުތަކުން ޓެކްނޮލޮޖީ ބޭނުންކުރާ ގޮތް ފާހަގަކުރައްވާފައެވެ. އެގޮތުން، އެމަނިކުފާނުގެ ވާހަކަފުޅުގައި ޤައުމުތަކުގެ މިސާލު ޖައްސަވަމުން އެންމެ ފުރަތަމަ މިސާލަކަށް ނެންގެވީ ދިވެހިރާއްޖޭގައި ވީޑިއޯ ޓެކްނޮލޮޖީގެ އެހީގައި ވަރޗުއަލްކޮށް ޝަރީޢަތުގެ އަޑުއެހުންތަކުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމެވެ. ދިވެހިރާއްޖޭގައި ހަމަޖެހިފައިވާ މިއިންތިޒާމުގެ ސަބަބުން ޤާޟީންގެ ވަގުތު ސަލާމަތްކުރެވި ރައްޔިތުންގެ އަތުން ދާ ޚަރަދުތައް ކުޑަކުރެވޭ ކަން ސެކްރެޓަރީ ބްލިންކަން ފާހަގަކުރެއްވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ދެން ފާހަގަކުރައްވާފައިވަނީ އެސްޓޯނިއާގައި އާއްމު ޚިދުމަތްތައް ހޯދުމަށް ހަމަޖެހިފައިވާ ލުއި ފަސޭހަތަކާއި މެލޭޝިއާގައި އަލަށް އިންތިޚާބުގައި ވޯޓުލުމަށް ޝަރުޠުހަމަވި ފަރާތްތައް ވަގުތުން އޮންލައިންކޮށް ރަޖިސްޓަރ ކުރުމަށް އެޤައުމުން ހަމަޖައްސާފައިވާ އިންތިޒާމުތަކެވެ.
މީގެއިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ޑިމޮކްރަސީ ޙިމާޔަތްކޮށް ކަށަވަރުކުރުމަށްޓަކައި ޓެކްނޮލޮޖީގެ މުހިއްމުކަމާއި ޓެކްނޮލޮޖީގެ ސަބަބުން މުޖުތަމަޢަށް އަންނަ ބަދަލުތައް ފާހަގަކުރައްވައި މުސްތަޤުބަލަށް ވިސްނައި ޓެކްނޮލޮޖީގެ އެހީގައި ޑިމޮކްރަސީ ކުރިއެރުވައި ޙިމާޔަތްކުރުމަށް ކުރެވޭނެ ކަންކަމާއި މިކަމާ ގުޅޭގޮތުން އެމެރިކާގައި މިހާރު ވެސް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ޑިމޮކްރަސީ އާއި ޢަދުލު އިންސާފު ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި ސެކްރަޓަރީ ބްލިންކަންގެ ވާހަކަފުޅުގައި އެތައް ސަތޭކަ ޤައުމެއްގެ ތެރެއިން އެންމެ ފުރަތަމަ މިސާލަކަށް ދިވެހިރާއްޖެ ގެނައުމަކީ ޢަދުލު އިންސާފު ޤާއިމުކޮށް ކަށަވަރު ކުރުމަށާއި ޑިމޮކްރަސީއާއި ޑިމޮކްރަސީގެ އަސާސްތައް ކުރިއަރުވައި ރައްކާތެރިކުރުމަށްޓަކައި ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެމެރިކާގެ ސަރުކާރުން ފާހަގަކޮށް ބަލައިގެންފައިވާކަމުގެ ނިޝާނެކެވެ.