ޚަބަރު

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލާ މުއްދަތު އިތުރުކުރުމުގެ އިސްލާހު ބަލައިގެންފި


ރިޔާސީ އިންތިޚާބުގައި ވާދަކުރަން ހުޅުވާލާ މުއްދަތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފިއެވެ.

ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބޭފުޅުންނަށް އިންތިޚާބުގައި ވާދަކުރުމަށް ކުރިން ދީފައި އޮތް 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު މަޖިލީހަށް ބަލައިގަނެފައިވަނީ ވޯޓު ދެއްވި 52 މެންބަރުންގެ އިއްތިފާގުންނެވެ.

މިހާރު ޤާނޫނުގައި އޮތް ގޮތުން ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު ލިބެނީ ޖުލައިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓްމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން މިމުއްދަތު 14 ދުވަހަށް އިތުރު ކުރެވިގެންދާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރައްވަމުންދަނީ އިންތިޚާބުގެ ރަޖިސްޓްރޭޝަންގެ މަސައްކަތް ފެށުމުގެ ކުރިން އެންމެ ލަސްވެގެން އޭޕްރީލްމަހުގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ގަވާއިދު ގެޒެޓުކުރުމަށެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމު ކުރައްވާނީ މެއިމަހުގެ 2 ވަނަ ދުވަހުއެވެ. އަދި ވޯޓު ލެވޭމީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް 30 ދުވަހުގެ މުއްދަތެއް ޖޫން މަހުގެ 2 އާއި ހަމައަށް ދިނުމަށް ވަނީ ނިންމާފައެވެ. އެމީހަކު ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް 21 ދުވަހުގެ މުއްދަތެއް ދެއްވާނެކަމަށާއި، އެގޮތުން 16 ޖުލައިން 5 އޯގަސްޓާއި ހަމައަށް އެ ފުރުޞަތު އޮންނާނެއެވެ.