ޚަބަރު

2 ގަޑިއިރުތެރޭ މާލެއަށް 88 މިލިމީޓަރުގެ ވާރޭ


މާލެއަށް މިއަދު 88 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މާލެއަށް މިއަދު ގާތްގަނޑަކަށް ހެނދުނު 7 އިން 9 ޖެހުމާއި ދެމެދު ގުގުރުމާއެކު ބޯކޮށް ވަނީ ވާރޭވެހިފައެވެ. މެޓް އޮފީހުން ވިދާޅުވީ، މިއަދު ހެނދުނު ނެގި ވިލާގަނޑަކީ މާލެ އަތޮޅުގައި އުފެދުނު ބޯ ވިލާގަނޑެއްކަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ، މިއަދު ހެނދުނު މާލެއަށް 88 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށެވެ. އަދި ހުޅުލެއަށް 49 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަން ރިކޯޓްކުރެވިފައިވާކަމަށެވެ. މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރަށް ގޮތަށް ބަލާއިރު ދެކުނާ މެދު ރާއްޖެތެރެއަށް ގުގުރުމާއެކު ކެރީގެ އަސަރުކުރާނެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށް މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ހެނދުނު 6:30 ހާއިރު މާލެއަށް ގުގުރުމާއެކު ބޯކޮށް ވާރެވެހުމުގެ ސަަބަބުން މާފަންނާއި ހެންވޭރުގެ ބައެއް ސަރަޙައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އަދި މަގުމަތީގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށްވެސް ވަނީ ފެން ވަދެފައެވެ. މީގެއިތުރުން ބައެއް ސަރަޙައްދުތަކުގައި ވެހިކަލްތައް ދުއްވުމަށް ދަތިވާވަރަށް ވަނީ ފެންބޮޑުވެފައެވެ.

ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެގޮތުން ވެސްޓްޕާރކް، އައި.ޖީ.އެމް.އެޗް، ދިރާގު ހެޑް އޮފީސް އަދި އެކުވެނި ކައިރީގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް އެމް.އެން.ޑީ.އެފްއިން ވަނީ ކުރިއަށްގެންގޮސްފައެވެ.