މާފަންނު ވިލިމާލެ ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދު ފަޅުގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދުތައް ނަގަން އެމްޓީސީސީން އަންގައިފިއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ވިދާޅުވީ އެ ސަރަހައްދަކީ ހަމައެކަނި އެމްޓީސީސީގެ އުޅަނދުތަކުން ބޭނުން ކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދީފައިވާ ސަރަހައްދެއް ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި އެހެނިހެން އުޅަނދުތައް ގަވާއިދާ ޚިލާފަށް އަޅާފައި އޮތުމުން ފެރީތައް ގަޑިއަށް ފުރުމަށާއި ލެފުމަށް ދަތިވާކަމަށް އެ އެމްޓީސީސީއިން ވިދާޅުވެއެވެ.
މީގެ އިތުރުން، ގަވާއިދާ ޚިލާފަށް ގިނަ އުޅަނދުތައް އެ ސަރަހައްދުގައި އަޅާފައި އޮތުމުގެ ސަބަބުން އެކްސިޑެންޓުތައް ހިނގަން މެދުވެރިވާކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެ ސަރަހައްދު ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ ސަރަހައްދުން ނެގުމަށް އެމްޓީސީސީން ވަނީ އަންގާފައެވެ. މި މުއްދަތުގެ ތެރޭގައި ނުނަގާ އުޅަނދުތައް މޯލްޑިވްސް ޕޮލިސް ސާވިސް މެދުވެރިކޮށް އެ ސަރަހައްދުން ނަގާނެކަން އެ އެމްޓީސީސީއިން ވަނީ ވިދާޅުވެފައެވެ.