ޚަބަރު

އައިއެސްއިން ބަޣްދާދަށް އިތުރު ޙަމަލާތަކެއް


އައިއެސް ޖަމާއަތުން ބަޣްދާދާއި އެސިޓީގެ ވަށައިގެންވާ އަވަށްތަކަށް މިހާރު ދެމުން ގެންދާ ޓެރަރިސްޓް ޙަމަލާތަކަކީ އިރާގު ސިފައިންގެ އަތްދަށުން އެޖަމާއަތްތައް ބަލިވަމުންދާތީ ބަދަލުހިފުމުގެ ގޮތުން ދޭ ޙަމަލާތަކެއްކަމަށް އިރާގުން ސިފަކޮށްފިއެވެ. އިރާގުގެ އަމަނާބެހޭ ތަޖްރިބާކާރަކު ވިދާޅުވީ ހައްދު ފަހަނަޅާފައިވާ ޖަމާއަތްތައް އިރާގުގެ ހަނގުރާމައިގެ މައިދާންތަކުގައި ބަލިވަމުންދާތީ  އެކަމަށް ބަދަލުހިފުމުގެ ގޮތުން އެޖަމާއަތްތަކުން ދޭ ޓެރަރިސްޓް ޙަމަލާތައް ކުރިޔަށްއޮތް ދުވަސްތަކުގައި އިތުރުވުން އެކަށީގެންވާކަމަށެވެ.

ފާއިތުވި ހަފްތާއާއި މިހަފްތާގައި އިރާގުގެ ވެރިރަށް ބަޣްދާދާއި ބަޣްދާދު ވަށައިގެންވާ އަވަށްތަކަށް ވަނީ ވަރުގަދަ ޓެރަރިސްޓް ޙަމަލާތަކެއް ދީފައެވެ. މިގޮތުން ބަޣްދާދުގެ ދެ ސަރަހައްދެއްގައި މިދިޔަ ހަފްތާގައި ބޮންތަކެއް ގޮއްވާލައި އެތައް ބަޔަކު މަރާލާފައިވާއިރު މިދިޔަ ހޯމަދުވަހު ބަޣްދާދުގެ އިރުމަތީގައިވާ ސަދްރު ސިޓީގެ ބާޒާރެއްގައި ވަނީ ބާރުގަދަ ދެ ބޮން ގޮއްވާލައިގެން ހަތްދިހައަށްވުރެ ގިނަ މީހުން މަރާލައި ސަތޭކައަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައެވެ. އަނެއްކޮޅުން ބަޣްދާދުގެ އިރުއުތުރުގައިވާ އަލްމިގްދާދިއްޔާގައި މިދިޔަ ހޯމަދުވަހު މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ޙަމަލާއެއްގައިވެސް ތިރީސް އަށްމީހުން މަރާލައި ފަސްދޮޅަހަށްވުރެ ގިނަ އާންމުން މަރާލާފައިވެއެވެ. މީގެއިތުރުން ބަޣްދާދުގެ ކައިރީގައިވާ ފައްލޫޖާގެ ބައެއް ސަރަހައްދުތަކަށް ހޯމަދުވަހު ބޮޑުބަޑީގެ ކުއްލި ޙަމަލާތަކެއްދީ އެތަށް ބަޔަކު މަރާލާފައިވާއިރު މީގެތެރޭގައި އިރާގު ސިފައިންނާއި އިރާގު ސަރުކާރަށް އެއްބާރުލުންދޭ ގަބީލާތަކުގެ ސޯޅަ މީހުންވެސް ހިމެނެއެވެ. ފާއިތުވި ފަސްވަރަކަށް ދުވަހުގެ ތެރޭގައި ދިން މިޓެރަރިސްޓް ޙަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނެވެ. އައިއެސް ޖަމާއަތް ވަނީ މީގެ ދެތިން މަސްކުރިން ރަމާދީ އަލުން އަނބުރައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް އިރާގު ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަންގައި ބަލިވެފައެވެ. މިހަނގުރާމައިގާ އިރާގު ސިފައިންވަނީ އައިއެސްގެ އެތައް ސަތޭކަ ހަނގުރާމަވެރިން މަރާލައި އިރާގު ސަރުކާރުގެ އަތްދަށަށް އެސިޓީ އަލުން އަނބުރައި ގެނެސްފައެވެ. އިރާގުގެ އަމަނާބެހޭ ތަޖްރިބާކާރެއްކަމަށްވާ އަބްދުލްކަރީމް އަލްޚިތާބީ ވިދާޅުވީ ބަޣްދާދާއި އެސިޓީގެ ވަށައިގެންވާ އަވަށްތަކަށް މިހާރު ދެމުން ގެންދާ ޓެރަރިސްޓް ޙަމަލާތަކަކީ ރަމާދީފަދަ ސިޓީތަކުގެ ހަނގުރާމައިގެ މައިދާންތަކުގައި އައިއެސް ޖަމާއަތް ބަލިވެފައިވާތީ  ބަދަލު ހިފުމުގެ ގޮތުން އެޖަމާއަތުގެ ހަނގުރާމަވެރިން ދޭ ޙަމަލާތަކެއް ކަމަށެވެ.

"ބަޣްދާދުގައި މިހާރު އޮތް ސަލާމަތީ ބާރުތަކަކީ އެސިޓީ ހިމާޔަތް ކުރެވޭފަދަ ބާރުތަކެއް، މިކަމަށް އިތުރު ބާރުތަކެއް ބޭނުމެއްނުވޭ، އަހަރެންދެކޭގޮތުގައި ހައްދުފަހަނަޅާފައިވާ ޖަމާއަތްތައް އަސްކަރީ އޮޕަރޭޝަންތަކުން ބަލިކުރެވޭނެ، ނަމަވެސް އަމިއްލައަށް މަރުވެގެންދޭ ބޮމުގެ ޙަމަލާތައް ދިނުމުގައި ހުއްޓުމެއްނެތި އެމީހުން ކުރިޔަށްދާނެ، މިފަދަ ޙަމަލާތައް ހުއްޓުވޭނީ ވަރަށް ގާބިލް ޖާސޫސީ ނެޓްވާކެއް އުފައްދައިގެން."އަބްދުލްކަރީމް އަލްޚިތާބީ ވިދާޅުވިއެވެ.

އައިއެސް ޖަމާއަތުން ދޭ ޓެރަރިސްޓް ހަމަލާތަކުގެ އަނެއް ބޭނުމަކީ އިރާގުގެ އުތުރުގެ މޫސުލް އިން އައިއެސް ޖަމާއަތް ފައްސާލައި އެސިޓީ އަލުން އަނބުރައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްޓަކައި އިރާގު ސިފައިން ފަށަން މިހާރު ތައްޔާރުވާ އޮޕަރޭޝަނަށް ހުރަސްއެޅުން ކަމަށް ރިޕޯޓް ތައްބުނެއެވެ. އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ވަނީ އައިއެސް ޖަމާއަތުގެ މިފަދަ ޓެރަރިސްޓް ޙަމަލާތަކުން އިރާގު ސިފައިންގެ ހިތްވަރާއި އަޒުމަށް ގުޑުމެއް ނާރާނެކަމާ މޫސުލް ހިފުމަށް ސިފައިން ފަށާ އަސްކަރީ އޮޕަރޭޝަން ލަސްނުކުރައްވާނެ ކަމަށް ވިދާޅުވެ އައިއެސް ޖަމާއަތުގެ ޓެރަރިސްޓް ޙަމަލާތަކަށް ގޮންޖައްސަވައި ވާހަކަ ދައްކަވާފައެވެ.