ވިޔަފާރި

އެގްރޯނެޓުން 5 ދުވަހުގެ ތެރޭގައި 15 ޓަނުގެ ކަރާ ބާޒާރަށް


ރޯދަމަހަކީ އެހެން މަސްމަހާއި ޚިލާފަށް މޭވާއާއި ތަރުކާރީގެ ބައެއް ބާވަތްތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރު މަހެކެވެ. އޭގެތެރެއިން ޑިމާންޑް އިތުރުވާ އެއް ބާވަތަކީ ކަރައެވެ.

ރޯދަމަހު ކަރައަށް އޮންނަ ޑިމާންޑް އިތުރުވާތީ ދަނޑުވެރިން ރަމަޟާން މަސް ފެށުމުގެ މާކުރިން ކަރާ ހެއްދުމުގެ މަސައްކަތް ފަށައެވެ. އެގްރޯނެޓުންވެސް ވަނީ އެ ކުންފުންޏާއި ގުޅިގެން މަސައްކަތްކުރާ ދަނޑުވެރިން މެދުވެރިކޮށް ކަރާ ހެއްދުމުގެ މަސައްކަތް މި އަހަރުގެ ރަމަޟާންމަހަށް ވަރަށް ކުރިއާލާ ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެގްރޯނެޓުން ވިދާޅުވީ، ރަމަޟާންމަހުގެ ފުރަތަމަ 5 ދުވަހު އެގްރޯނެޓުން ބާޒާރަށް 15 ޓަނުގެ ކަރާ ނެރެފައިވާކަމަށެވެ.

ކަރައަކީ އެގްރޯނެޓުން މިއަހަރުގެ ރޯދަމަހަށް އެންމެ ގިނައިން ބާޒާރަށް ނެރޭނެ އެއް ބާވަތެވެ. އެގްރޯނެޓުން އަންދާޒާކުރަނީ މިއަހަރު ރަމަޟާންމަސް ނިމުމުގެ ކުރިން އެ ކުންފުނީގެ ފަރާތުން 150 ޓަނުގެ ކަރާ ބާޒާރަށް ނެރެވޭނެ ކަމަށެވެ. އެގްރޯނެޓުން ބާޒާރަށް ނެރޭ ކަރާގެ އެންމެ ބޮޑުބައެއް ގެންނަނީ ފިޔޯރީންނެވެ.

އެގްރޯނެޓުން ބާޒާރަށް ނެރޭ މޭވާއާއި ތަރުކާރީގެ ތެރެއިން އެންމެ ގިނަ ބާވަތްތައް އުފައްދަނީ ގއ، ގދ، ލ، ށ އަދި ހދ އަތޮޅުގައެވެ. ކަރާގެ އިތުރުން ކިޔުކަންބާ، މެލަން، ދޮންކެޔޮ، ބަރަބޯ، ފަޅޯ އަދި ބަޓާނާއަކީ މިއަހަރުގެ ރޯދަމަހު އެގްރޯނެޓުން ބާޒާރަށް ނެރޭނެ ބައެއް މޭވާއާއި ތަރުކާރީގެ ބާވަތްތަކެވެ.

މިދިޔަ އަހަރުގެ ރޯދަމަހުވެސް އެގްރޯނެޓުން ވަނީ މޭވާއާއި ތަރުކާރީގެ ބާވަތްތައް ބާޒާރަށް ނެރެފައެވެ. މީގެ ސަބަބުން އެ އަހަރުގެ ރޯދަމަހު އެ ބާވަތްތަކުގެ އަގުތައް ވަނީ ކޮންޓްރޯލްވެފައެވެ. މިދިޔަ އަހަރުވެސް އެގްރޯނެޓުން އެންމެ ގިނައިން ބާޒާރަށް ނެރުނު އެއް ބާވަތަކީ ކަރައެވެ. އެގްރޯނެޓްގެ އަމާޒަކީ މިއަހަރުވެސް އެ ކުންފުނިން ބާޒާރަށް ނެރޭ ބާވަތްތަކުގެ އަގުތައް އުފުލުނަނުދީ ހިފެހެއްޓުންކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ. މި ކުންފުނި އުފެއްދީ 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. މި ކުންފުންޏާއި ގުޅިގެން މިހާރު 800 އަށްވުރެ ގިނަ ދަނޑުވެރިން އަންނަނީ މަސައްކަތް ކުރަމުންނެވެ.