ތަޢުލީމު

ސްކައުޓުންގެ "ފައުންޑާރޒް ޑޭ" ގެ ހަރަކާތްތަކެއް ހިންގަވައިފި


ސްކައުޓުންގެ "ފައުންޑާރޒް ޑޭ" އާ ގުޅުވައިގެން ކަބްސްކައުޓް ކުދިންގެ ޚާއްޞަ ޙަރަކާތްތަކެއް، މަޖީދިއްޔާ ސްކޫލްގައި މިއަދު ހިންގަވައިފިއެވެ. 



ދުނިޔޭގައި ސްކައުޓް ޙަރަކާތް ފެށުނު ދުވަހުގެ ގޮތުގައި ދުނިޔޭގެ ސްކައުޓް މޫވްމަންޓުން ބަލަނީ ފެބުރުއަރީ 22 ވަނަ ދުވަހެވެ. މި ދުވަސް ޢާންމުކޮށް ކޮންމެ އަހަރަކު ސްކައުޓުން ފާހަގަކުރެއެވެ. ރާއްޖޭގައި ސްކައުޓް ޙަރަކާތްތައް އެންމެ ފުޅާދާއިރާއެއްގައި ހިންގަނީ ސްކޫލްތަކުގައެވެ. އަދި ރާއްޖޭގައި އެއް ޖަމްޢިއްޔާއެއްގައި އެންމެ މެންބަރުން ގިނަ ޖަމްޢިއްޔާއަކީވެސް ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ.



ދުނިޔޭގެ ސްކައުޓް ޙަރަކާތަށް ސަތޭކަ އަހަރު ފުރުމާއި، ރާއްޖޭގެ ސްކައުޓް ޙަރަކާތް ފެށުނުތާ ފަންސާސް އަހަރު ފުރުމާ ގުޅުވައިގެން މަޖީދިއްޔާ ސްކޫލްގައި ހިންގެވި ޙަރަކާތްތަކާގުޅޭ މައުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްޞާކުރައްވަމުން މަޖީދިއްޔާ ސްކައުޓް ގުރޫޕުގެ ޙަސަން މުޙައްމަދު ވިދާޅުވީ މި ޙަރާތްތަކުގެ މަޤްޞަދަކީ ދުނިޔޭގެ ސްކައުޓް ޙަރަކާތުގެ އެއް ޝިޢާރު ކަމަށްވާ "ސްކައުޓިން- ތަޢުލީމް- ދިރިއުޅުމަށް" މި ޝިޢާރާގުޅޭ މައުލޫމާތު އެކުލެވޭ މެސެޖްތައް ކަބްސްކައުޓް ކުދިނަށް ދެއްވުންކަމަށެވެ. އަދި ސްކައުޓުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ހާމަކޮށްދެއްވުމަކީ މި ޙަރަކާތުގެ މުހިންމު އަމާޒެއްކަމަށެވެ.



މަޖީދިއްޔާ ސްކޫލުގެ ސްކައުޓް ގްރޫޕުން އިސްނަގައިގެން ހިންގި މި ޙަރަކާތްތަކުގައި، އެ ސްކޫލުގެ އިތުރުން މާލޭގެ 6 ސްކޫލަކުން ބައިވެރިވިއެވެ. އެއީ، ތާޖުއްދީން ސްކޫލް، އިމާދުއްދީން ސްކޫލް، ހިރިޔާ ސްކޫލް އަދި ޖަމާލުއްދީން ސްކޫލް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، އަދި ހުޅުމާލޭ ރެހެންދި ސްކޫލެވެ.



މި ޙަރަކާތްތަކުގައި ދުއިސައްތަ ފަންސާހަށްވުރެ ގިނަ ކަބްސްކައުޓުން ވަނީ ބައިވެރިވެފައެވެ. ދިރިއުޅުމުގެ ތަފާތު މަސައްކަތްތާކައި ހުނަރުތައް ކުދިންނަށް ދަސްކޮށްދީ، މުޖުތަމައުތެރޭގައި ރަނގަޅު އާދަތައް ފެތުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށް ގެންދާ ސްކައުޓް ޙަރަކާތަކީ ގިނަ ޤައުމުތަކެއްގައި ކުރިއަށް ގެންދާ ހަރަކާތެއް. ދުނިޔޭގެ 161 ގައުމެއްގައި މިހާރުވެސް މިޙަރަކާތް ހިންގައެވެ. މީގެ ތެރޭގައި ގިނައީ ޒުވާނުންކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން ޖުމްލަ 30 މިލިއަން ޒުވާނުން ސްކައުޓް ޙަރަކާތްތަކުގައި ބައިވެރިވާ ކަމަށް ވޯލްޑް އޯގަނައިޒޭޝަން އޮފް ދަ ސްކައުޓު މޫވްމަންޓުން ލަފާކުރެއެވެ.