ޖަލުތަކުގައި ހިންގާ ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭ 300 މީހުން، އެ ޕްރޮގްރާން ފުރިހަމަނުކޮށް އެބަތިބިކަމަށް، މަސްތުވާތަކެތި ހާލަތު ގެނެގަތުމަށް ހެލްތު މިނިސްޓްރީން ހެދި ދިރާސާއަކުން ދައްކައިފިއެވެ. ރާއްޖޭގައި މަސްތުވަތެކީގެ ހާލަތު ދެނެގަތުމަށް ހެދި މި ދިރާސާގައި ވަނީ މަސްތުވާތަކެއްޗައް ފަރުވާ ދޭ ތަންތަނާއި ފަރުވާގެ ކަންކަން ހިނގާގޮތް ބަލާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝަމާޢު ޝަރީފް ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތި ހާލަތު ގެނެގަތުމަށް ހެދި ދިރާސާއިން ދެއްކި ގޮތުގައި ޖަލުތަކުގައި ފަރުވާ ޕްރޮގްރާމް ހިންގަންޖެހޭ 300 މީހަކަށް އެ ޕްރޮގްރާމް ހިންގާފައި ނުވާކަމަށެވެ. ޝަމާއު ވިދާޅުވީ އެ ދިރާސާއިން އެނގިގެން ދިޔައީ ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭގެ ފަރުވާގެ ޕްރޮގްރާމްތަކުން ފާއިތުވި 5 އަހަރު ފަރުވާއައް ގެނައި މީހުން ގިނަކަންކަމަށެވެ. އެގޮތުން އެ ފަރުވާއަށް ގެނައި ގިނަ މީހުންނަކީ ޖަލުތަކުގައި ތިބި މީހުންކަން ޝަމާޢު ފާހަގަކުރެއްވިއެވެ.
ޝަމާއު ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާއި ގުޅިގެން ކުރި މަސައްކަތުން އެނގިގެން ދިޔައީ ޖަލުގެ އާބާދީގެ 80 އިންސައްތަ ޤައިދީންނަކީ އެންޑީއޭގެ ފަރުވާނުލިބި ތިބި މީހުންކަމަށެއެވެ. އެހެން ނަމަވެސް އެ މީހުންނަކީ ފަރުވާ ބޭނުންވެފައި ތިބި މީހުންކަމަށް ޝަމާޢު ވިދާޅުވިއެވެ.
"އަޅުގަނޑުމެއްނަށް ފާހަގަވެފައިވަނީ އެއްދޮރުންވައްދާ އަނެއްދޮރުން ނެރެ ފަރުވާއިން ވަކިކޮށް ޖަލުހުކުމަށް ފޮނުވާލާފައިވާކަން. ދަންނަވާނަމަ ގާތްގަނޑަކަށް 300 މީހުން އެބަތިބި އެނޑީއޭގެ ފަރުވާއިން ވަކިކޮށް އޭރުގައި ފޮނުވާފައިވާ މީހުން" ޝަމާއު ވިދާޅުވިއެވެ.
ޝަމާއު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ގާނޫނު ބަޔާންކުރާގޮތަށް ޑްރަގް ކޯޓުން ފަރުވާއައް ހުކުމެއް އައިސްގެން ފަރުވާ ހޯދާ މީހުން ގިނަކަމަށާއި، ނަމެސް އަމިއްލައައް ބޭނުންވެގެން ފަރުވާ ހޯދުމަށް އައި މީހުންގެ އަދަދު ނިސްބަތުން މަދުކަމަށެއެވެ. ޝަމާޢު ވިދާޅުވީ، ފަރުވާގެ ކަންކަން ސިއްހީ ނިޒާމުގެ ތެރެއިން ގެންދިޔުމަށް ނިންމުމުން އަމިއްލައަށް ފަރުވާއަށް ދާމީހުން އިތުރުވަމުން އަންނަކަމަށެވެ.
ޝަމާޢު ވިދާޅުވީ ދިރާސާއިން އެނގުނު ގޮތުގައި މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު އަލުން އަނބުރާ މަސްތުވާތަކެތީގެ ތެރެއައްދާ މީހުންގެ ޢަދަދަުވެސް އިތުރުކަމަށެވެ.
ޝަމާއު ވިދާޅުވީ މި ދިރާސާގައި އެންމެ ފުރަތަމަ ކުރިއައްދިޔައީ ގައުމުގައި މަސްތުވާތެކެތި އޮތް ހާލަތު ދެނެގަތުމަށް ހެދި ސިޓުއޭޝަނަލް އެނަލަސިސްއެއް ހެދުމުގެ މަސައްކައްކަމަށެއެވެ. މި މައުލޫމާތު މި އެއްކުރެވުނީ ދިހަ އަހަރަށް މުއްދަތަކަށްފަހު ކަމަށްވެސް ޝަމާއު ވިދާޅުވިއެވެ. އެގޮތުން އެ ދިރާސާގެ ނަތީޖާއައް ބެލުމަށްފަހު ވަގުތުންވެސް ބަދަލުކުރަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ޝަމާއު ފާހަގަކުރެއްވިއެވެ.
ޝަމާޢު ވިދާޅުވީ މި ދަރާސާގައި ގައުމުގައި މަސްތުވާތަކެއްޗައް ފަރުވާ ދިނުމަށް ބޭނުންކުރަމުން އަންނަ ވަސީލަތްތަކަކީ ކޮބައިކަމާއި، އިންސާނީ ވަސީލައްތައް ތަރައްގީ ކުރުމަށް އޮތް މިންވަރަކީ ކޮބައިކަމާއި، އަދި އެހެނިހެން ބައެއް ކަންކަމަށްވެސް ބަލާފައިވާކަމަށެވެ. އަދި މަސްތުވާތެކެތި ބޭނުން ކުރާ ފަރާތްތަކަށް ފަރުވާދިނުމަށް ފުޅާ ދާއިރެއްގައި މި ހިދުމަތް ދިނުމަށްޓަކައި ދެން ބޭނުން ކުރެވޭނީ ކޮންކޮން ތަންތަނެއްތޯވެސް ބެލިކަމަށް ޝަމާޢު ވިދާޅުވިއެވެ. އެގޮތުން ސިއްހީ ހިދުމަތް 186 ތަނަކާއި އެތަންތަނުގެ މުވައްޒަފުން އެފަދަ ފަރުވާއެއް ދިނުމަށް ތައްޔާރަށް އޮތް މިންވަރު ދެނެގަނެވިފައިވާކަމަށްވެސް ޝަމާޢު ވިދާޅުވިއެވެ.
ރާއްޖޭގައި އޮތް އިޖުތިމާޢީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ. އެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ނޭޝަނަލް ޑްރަގް އެޖެންސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމަޢުއަށް ނެރުމަށް ކުރާ މަސައްކަތުގެ ދަށުން، މިދިޔަ އަހަރު ވަނީ ފަރުވާ ދޭނެ ގިނަ މަރުކަޒުތަކެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައެވެ. އެގޮތުން މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ 1017 މީހަކަށް އެންޑީއޭއިން ވަނީ ފަރުވާ ދީފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދު ކޮމިއުނިޓީ ސަރވިސް ސެންޓަރުން 317 މީހުން ރަޖިސްޓްރީވެ ފަރުވާހޯދަމުންދާކަމަށް އެންޑީއޭއިން ހާމަކުރައްވައެވެ.
މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވުމަށް އެންޑީއޭގައި ރަޖިސްޓްވެފައި ތިބި މީހުންގެ ލިސްޓްގައި ގިނަ ބަޔަކު ތިބިކަން އެންޑީއޭއިން މިދިޔަ އަހަރު ފާހަގަކުރައްވާފައިވެއެވެ.