ޚަބަރު

ހެޔޮގޮތުގައި ހަކަތަ ބޭނުންކުރުމުގެ ގައުމީ ކެމްޕޭނެއް


ދިވެހިރާއްޖޭގެ ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމުގެ ގައުމީ ކެމްޕެއިނެއް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް އެންޑް ޓެކްނޮލޮޖީން ފަށައިފިއެވެ.

ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމުގެ ގައުމީ ކެމްޕެއިންއަކީ ކަރަންޓް ހެޔޮގޮތުގައި ބޭނުން ކުރެވޭނެ ގޮތްތަކަށް މުޖްތަމައު ހޭލުންތެރިކުރުވުމަށް ހިންގާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ދަށުން އެކި ވަސީލަތްތަކާއި ޕްރޮގްރާމްތައް މެދުވެރިކޮށް ކަރަންޓް ހަރަދުކުޑަކުރުމަށް އާއްމުންނަށް ކުރެވޭނެ ކަންކަމަށް ހޭލުންތެރިކުރުވާނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ކެމްޕެއިން އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، ޚަދީޖާ ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ މާޖިދް ވިދާޅުވީ މި ކެމްޕޭނުގެ އެންމެ ބޮޑު ބޭނުމަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް، 2030ގެ ނެޓް ޒީރޯ ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތްކުރުންކަމަށެވެ. އަދި ހަކަތަރި އާލާތްތައް ބޭނުންކުރުމަށް ބާރުއަޅާ އަހުލުވެރިކުރުވުމާއި، ހަކަތަ ސަމަކާރަކުރަނިވި މުޖުތަމަޢެއް ބިނާކުރުންކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މާޖިދް ވިދާޅުވީ ކަރަންޓު ހަރަދު ކުޑަކުރުމުގެ ގޮތުން ކަރަންޓު ބޭނުންކުރާ އާލާތްތައް ބޭނުންކުރާ މިންވަރު މަދުކޮށް، ގުދުރަތީ ސާފު އަލިން ގެތަކާއި އޮފީސްފަދަ ތަންތަން އަލިކުރުމުގެ މުހިއްމުކަމަށެވެ.

"ނިންވާލެވިފައި ހުއްނަ ވަގުުތު ގިނަކޮށް ގުދުރަތީ އަލިން އަޅުގަނޑުމެންގެ އޮފިސްތަކާއި ގެތައް ދިއްލޭނެގޮތް އެބަ ހަދަންޖެހޭ ދުވާލުގެ ވަގުތުތަކުގައި. ބޭރަށް ދާއިރު ވަރަށް އާދައިގެ ވާހަކައެއް ސްވިޗް ނިންވާލުމަށް ހަނދާން ކުރުމަކީ.. ހަގީގަތުގައި ހަކަތަ އިޝްރާފުކުރުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ކަންތައް އެއީ" މާޖިދް ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން ކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ސޯޝަލް މީޑިއާ ބޭނުންކޮށްގެން މީހުން ހޭލުންތެރިކުރުވުމާއި މިނިސްޓްރީއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިއާދަކުރަނިވި ހަކަތައިގެ އާލާތްތަކަށް އިސްކަންދިނުމަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި ސުކޫލް ދަރިވަރުންނާއި ޓީޗަރުން، ނޫސްވެރިން އަދި އެކި އެކި އިދާރާތަކަށް އަމާޒުކޮށްވެސް މި ޕްރޮގްރާމް ހިންގާނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންމެ ރޯދަމަހެއްގައިވެސް ދިވެހިރާއްޖޭގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާކަމަށެއެވެ. އަދި މީގެ އިތުރުން، ކޮންމެ އަހަރެއްގެ ވެސް ހޫނު ދުވަސްވަރުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއަށް އާއްމުގޮތެއްގައި އެންމެ ހޫނުވާ ދުވަސްވަރު މިފަހަރު ރޯދަމަސް ދިމާވާއިރު ކަރަންޓު ހެޔޮގޮތުގައި ބޭނުންކުރުމުގައި އާންމު ފަރުދުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ފާހަގަކުރެއެވެ.