 
										
			އަންނަ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ތިން ޕާޓީން އެދާއިރާގައި ކެމްޕެއިން ހަރަކާތްތައް ފަށައިފިއެވެ. 
ގުރއިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ 3 ޕާޓީއަކުންނެވެ. އެއީ އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ. 
ގުރައިދޫ ދާއިރާގެ ކެމްޕެއިން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންވެސް ވަނީ މިއަދު ފަށާފައެވެ. ގުރައިދޫ ދާއިރާގެ ތިން ރަށަށް މިއަދު އެމްޑީޕީގެ ފަރާތުން ދިޔަ ޓީމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއާއި، މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ އިސްބައެއް ބޭފުޅުންވެސް ހިމެނެއެވެ. 
		
 
										ގުރައިދޫ ދާއިރާގެ ކެމްޕެއިން މިދިޔަ ހަފްތާ ބަންދުގައި އެމްއެންޕީންނާއި، ޕީޕީއެމުން ފަށައި އެދާއިރާގެ ރަށްތަކުގައި ކެމްޕެއިންގެ ހަރަކާތްތައްވަނީ ކުރިއަށް ގެންގޮސްފައެވެ. ޕީޕީއެމްއާއި، އެމްއެންޕީގެ އިސްބޭފުޅުން ވަނީ ގުރައިދޫ ދާއިރާގެ ތިން ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.
 
										ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި 3 ދައުރުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.