އިންޓަރނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން، އިމްސޯގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން ރާއްޖޭގެ އާގު ބޯޓުފަހަރަށާއި، ކުދި އުޅަނދުފަހަރުގައި ބޭނުންކުރާ ކޮމިއުނިކޭޝަން ސިސްޓަމްތަކުގެ ކަންކަން ހަރުދަނާ އުޞޫލެއްގެ ތެރެއިން ކުރިޔަށް ދިއުމަށް ފަސޭހަވާނެކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.
އިމްސޯގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާއަރުވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުމުން، އެ އޯގަނައިޒޭޝަންގައި ރާއްޖޭން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
އިންޓަރނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން (އިމްސޯ) އަކީ 1979 ގައި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ އެހީތެރިކަމާއެކު އައި.އެމް.އޯ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އޯގަނައިޒޭޝަންއެކެވެ. އިމްސޯ އިން ކުރާ މައިގަނޑު މަސައްކަތްތަކަކީ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީ.އެމް.ޑީ.އެސް.އެސް) އާއި ލޯންގް ރޭންޖު އައިޑެންޓިފިކޭޝަން އެންޑް ޓްރެކިންގ އޮފް ޝިޕްސް (އެލް.އާރު.އައި.ޓީ) ގެ އެންމެހާ ކަންކަން ކުރުމަށް މަގުފަހިކުރުމެވެ.
ޖީ.އެމް.ޑީ.އެސް.އެސް އަދި އެލް.އާރު.އައި.ޓީ އަކީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ މުއާހަދާއެއް ކަމަށްވާ ސޯލާސް 1974 އިން އެކަންކަން ކުރުމަށް މި މުއާހަދާގައި ބައިވެރިވެފައި ޤައުމުތަކަށް ލާޒިމްކުރާ ކަމެކެވެ. ދިވެހިރާއްޖެއަކީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން އަދި ސޯލާސް 1974 ގައި ބައިވެރިވެފައިވާ ޤައުމެކެވެ. އެހެންކަމުން އިމްސޯ ގައި ބައިވެރިވުމަކީ ލާޒިމްކަމެއްކަން ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކުރެއެވެ.
ރޭޑިއޯ ކޮމިއުނިކޭޝަންއަކީ އުޅަނދުފަހަރުން އެއްގަމަށް އަދި އެއްގަމުން އުޅަނދުފަހަރަށް ހާލަތު އެންގުމަށްޓަކައި ނުހަނު ބޮޑަށް ބޭނުން ހިފަމުންދާ ވަސީލަތެކެވެ. މި އޯގަނައިޒޭޝަންގައި ބައިވެރިވުމުގެ ސަބަބުން ރާއްޖޭގައި ޤާއިމުކޮށްފައިވާ ޖީ.އެމް.ޑީ.އެސް.އެސް ސެންޓަރަށް ޓެކްނިކަލް އެހީ ލިބިގެން ދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ޖީ.އެމް.ޑީ.އެސް.އެސް ސެންޓަރުގައި ހުންނަން ލާޒިމްކުރާ ރެފަރެންސް ފޮތްތަކާއި މެނުއަލްސްތައް ލިބި ބޭނުންވާ ތަމްރީނުތައް ލިބުމުގެމަގު ފައިވެގެން ދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.