ޚަބަރު

މާލޭގައި ސްމާޓް ސްޓްރީޓް ލައިޓް ހަރުކުރަން ފަށައިފި


މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގައި ސްމާޓް ސްޓްރީޓް ލައިޓް ހަރުކުރަން ފަށައިފިއެވެ.

"ސްމާރޓް ސްޓްރީޓް ލައިޓް" މަޝްރޫޢުއަކީ މާލެސިޓީ ކައުންސިލުން ޗައިނާގެ ޔުނާން ޕްރޮވިންސްގެ އެހީތެރިކަމާއިއެކު ކުުރިއަތް ގެންދާ މަޝްރޫއެކެވެ.

ހޯމަ ދުވަހު އާރޓިފިޝަލް ބީޗް ސަރަޙައްދުގައި މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއާއި ޔުނާން ޕްރޮވިންސްގެ ފަރާތުން ހެޑް އޮފް ޑެލިގޭޝަން މިސްޓަރ މަރ ޒުއޮޒިންއެވެ.

މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވާ މޭޔަރު މުޢިއްޒު ވިދާޅުވީ "ސްމާރޓް ސްޓްރީޓް ލައިޓް" މަޝްރޫއަކީ ވަރަށް މުހިންމު މަޝްރޫޢުއެއްކަމަށާއި، މިއީ ޗައިނާގެ ޔުނާން ޕްރޮވިންސް އާއި މާލެސިޓީ ކައުންސިލާއި މަޝްވަރާކުރެވި ޔުނާން ޕްރޮވިންސްގެ ފަރާތުން ކައުންސިލަށް ދެއްވި ހަދިޔާއެއް ކަމަށެވެ.

މޭޔަރު ވިދާޅުވީ މި ޕޯލްތަކުގެ ބޭނުމަކީ ކައުންސިލުން ބޭނުންވާ ޕަބްލިކް މެސެޖްތައް ދިނުންކަމަށާއި، މުޖްތަމަޢުއަށް ބޭނުންވާ މުހިންމު މެސެޖްތަކާއި، އަދި ދީނީ އިރުޝާދުތަކާއި، ދީނީ ނަޞޭޙަތްތަކުގެ އިތުރުން ދުޢާތައްވެސް މި ޕޯލް މެދުވެރިކޮށް ފޯރުކޮށްދޭނެކަމަށެވެ.

މޭޔަރ ވިދާޅުވީ މިއީ ފްރީ ވައިފައި، ޑިޖިޓަލް ލެޑް ސްކްރީން، ސްޕީކަރ ސިސްޓަމް، އަދި ސީސީޓީވީ ކެމެރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފަސޭހަވާނެހެން އެންވަޔަރަމަންޓް ސެންސަރ ހަރުކުރެވިފައިވާ ޕޯލްތަކެއްކަމަށެވެ. މީގެ އިތުރުން ވިޔަފާރީގެ އުޞޫލުން އިޝްތިހާރު ދެއްކޭނެ ޤަވާއިދެއް ފާސްކޮށް އެ ފުރުޞަތުވެސް ކުރިއަށްއޮތްތަނުގައި ހުޅުވާލުމުގެ ވިސްނުން ގެންގުޅުއްވާކަމަށާއި، އެކަމަށް އުޞޫލެއް ކަނޑައަޅާ އިޢުލާން ކުރެވޭނެކަމުގައި މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މީގެ އިތުރުން މިޝްރޫޢުގެ ދަށުން އާރޓިފިޝަލް ބީޗުން ފެށިގެން ލޮނުޒިޔާރަތް ޕާކާއިހަމަޔަށް ވަނީ "ސްމާރޓް ސްޓްރީޓް ލައިޓް"ގެ 10 ޕޯލް ޖަހާފައިވާކަމަށެއެވެ. އޭގެ އިތުރުން އެންމެ ފުރަތަމަ މި ޕޯލްތައް ހަރުކުރާނީ މައި މަގުގައިކަމަށާއި އެއަށްފަހު އެތެރޭގެ މަގުތަކުގައިވެސް އިތުރު ޕޯލްތައް ހަރުކުރެވޭނެކަމަށް މައުއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސީސީޓީވީ ކެމެރާތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސިޓީ ކައުންސިލަށެވެ. އެ އެއްޗެހި ބަލަހައްޓާނީ ސިޓީ ކައުންސިލްގެ ސީސީޓީވީ މޮނިޓަރިން ސިސްޓަމްގެ ތެރެއިންނެވެ. އަދި މި ސީސީޓީވީ ކެމެރާތަކަށް ރެކޯޑް ކުރެވޭ ފުޓޭޖްތައް، މިހާރެކޭ އެއްގޮތަށް ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި ހިއްސާކުރާނެކަމަށް ކައުންސިލުން ބުނެއެވެ.

"ސްމާރޓް ސްޓްރީޓް ލައިޓް" މަޝްރޫޢުއަކީ މާލެސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ "ޑިޖިޓަލް މާލެސިޓީ" މަޝްރޫޢުގައި ހިމެނޭ ކަމެކެވެ.