ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މެރިއޮޓް އިންޓަރނޭޝަނަލް އާއެކު ނެޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ޕާމަނަންޓް ސެކެޓްރީ ޙުސައިން ޝަރީފެވެ. މެރިއޮޓް އިންޓަރނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އޭރިއަރ ޑިރެކްޓަރ އޮފް ހިޔުމަން ރިސޯސް – މެލޭޝިއާ، ސިންގަޕޯރ އެންޑް މޯލްޑިވްސް އެމާ ޖޯންސް އެވެ.
ޝެރެޓަންއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މެރިއޮޓް އިންޓަރނޭޝަނަލްއިން ރާއްޖޭގައި ހިންގާ 7 ރިސޯޓެއްގައި ޒުވާނުން ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލާނެއެވެ. އެއީ ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ، ދަ ރިޓްސް ކާރލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް، ދަ ވެސްޓިން މިރިއަންދޫ ރިސޯޓްސް، ޑަބްލިއު މޯލްޑިވްސް، ލެ މެރިޑިއަން ރިސޯޓް އެންޑް ސްޕާގެ އިތުރުން ޖޭ ޑަބްލިއު މޯލްޑިވްސް، އާއި އެސްޓީ ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓެވެ.
އެގޮތުން 5 އަހަރު ދުވަހަށް ބަހާލައިގެން ތަފާތު 9 ދާއިރާއަކުން ޒުވާނުން ތަމްރީން ކުރުމަށް ޖުމްލަ 250 ފުރުސަތު މި ޕްރޮގްރާމްގެ ތެރެއިން ދިނުމަށް ވަނީ ނިންމާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޙުސައިން ޝަރީފް ވިދާޅުވީ މެރިއޮޓް އިންޓަރނޭޝަނަލްއާއެކު މިފެށޭ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި މީހުން ތަމްރީނު ކުރެވޭނީ ފަތުރުވެރިކަމުގެ އެކިއެކި ދާއިރާއިން ކަމަށެވެ.
ޝަރީފް ވިވާޅުވީ ނޭޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ 139 މީހުން ދަސްވެނިވެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ކަމަށެވެ. އަދި މިހާރުވެސް މިޕްރޮގްރާމުގެ ދަށުން 15 ކުންފުންޏެއްގައި 400އަށްވުރެ ގިނަ މީހުން ތަމްރީނު ވަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ނޭޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ތަފާތު ދާއިރާތަކުން ޒުވާނުންނަށް ތަމްރީނު ފޯރުކޮށްދިނުމާއެކު މަސައްކަތުގެ ޢަމަލީ ތަޖުރިބާ ފޯރުކޮށްދީ ޒުވާނުންނަކީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރާ ޒިންމާދާރު ބަޔަކަށް ހެދުމެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3ގެ ސެޓްފިކެޓެއް ލިބޭނެއެވެ.