މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަމައެކަނި ގެއްލުން ލިބެނީ ތިމާވެއްޓަށް ނޫންކަމަށާއި، އެކަމުގެ ސަބަބުން ކުރިމަތިވާ އިޤްތިޞާދީ ގެއްލުންތައްވެސް ބޮޑުކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ "ސީ-ބިޓް މޯލްޑިވްސް ޕްރޮޖެކްޓް" ވޯކްޝޮޕް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސީ-ބިޓް މޯލްޑިވްސް ޕްރޮޖެކްޓަކީ މޫސުމާބެހޭ މަސައްކަތްތައް ރިޕޯޓުކުރުމާއި، މަޢުލޫމާތު އެއްކުރުން ހަރުދަނާ ކުރުމާއި، މިކަމާ ގުޅޭ މުއައްސަސާތަކާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް މަގުފަހިކުރުމަށް ކުރެވޭ މަސައްކަތެކެވެ.
"ސީ-ބިޓް މޯލްޑިވްސް ޕްރޮޖެކްޓް" ވޯކްޝޮޕް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވީ މޫސުމީ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުމުގެ ނިސްބަތަކީ ކޮބައިކަން ދެނެގަންނަންޖެހޭކަމަށެވެ.
ޝައުނާ ވިދާޅުވީ މޫސުމީ ބަދަލުތަކުން ގެއްލުން ވަނީ ހަމައެކަނި ތިމާވެއްޓަކަށް ނޫންކަމަށާއި އިޤްތިޞާދަށްވެސް އެކަމުގެ އަސަރުކުރާކަމަށެވެ. އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށްވެސް މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް އާއްމުކޮށް ހީވާނެ ހަމެކަނި މިދައްކަނީ ރަށްގިރުމުގެ ވާހަކައޭ މިދައްކަނީ. އެހެން ނަމަވެސް މިސާލެއްގެ ގޮތުންވެސް ދައްނަވަނީނަމަ ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން މަސްވެރިން މަހަށް ފުރާ ދުވަސް މަދުވެ، އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި އަދި ރައްރަށުގެ ދިރިއުޅުމަށާއި އެހެނިހެން ކަންކަމަށް ކުރާ އަސަރު އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ. ދަނޑުވެރިންގެ ދަނޑު ބިންތައް ހަލާކުވެ ދިޔުމުން އެލިބޭ ގެއްލުންތައް ވެސް އަޅުގަނޑުމެން އެބަޖެހޭ މިނެކިރާފައި މީއޭ މިލިބޭ ގެއްލުމަކީ ބުނެދެވެން" ޝައުނާ ވިދާޅުވިއެވެ.
ޝައުނާގެ ވާހަކަފުޅުގައި ކުރިއަތް 10 ވަރަކަށް އަހަރުތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރު އެތައް ގުނައެއް އިތުރުވާނެކަމަށް ދިރާސާތައް ކުރައްވާ ބޭފުޅުން ވިދާޅުވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އޅުގަނޑުމެންގެ ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތައް އެންމެ ރަނގަޅުގޮތުގައި ދެނެގަތުމަކީ މިވަގުތު ގައުމީ ފެންވަރުގައި ކުރަން ޖެހިފައި އޮތް ބޮޑު މަސައްކަތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިފަދަ މަސައްކަތް ކުރުމުގައި ދިމާވާ އެންމެ ބޮޑުއެއް ދައްޗަކީ މައުލޫމާތުތައް އެކި މުއައްސަސާތަކުގައި ހިފެހެއްޓިފައި އޮތުންކަމަށެވެ. އެހެންކަމުން އެ މައުލޫމާތުތައް އެއް މުއައްސަސާއިން އަނެއް މުއައްސާއާ ހިއްސާކުރެވި، ގައުމީ ފެންވަރުގައި މި މައޫލޫމާތުތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކަށައަޅަންޖެހޭކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
"ސީ-ބިޓް މޯލްޑިވްސް ޕްރޮޖެކްޓް" ވޯކްޝޮޕް ޕްރޮޖެކްޓަކީ މިނިސްޓަރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓަލް ޕްރޮގްރާމް (ޔޫ.އެން. އެންވަޔަރަންމަންޓް) އާއި ގުޅިގެން ގްލޯބަލް އެންވަޔަރަންމަން ފެސިލިޓީ (ޖެފް)ގެ އެހީގައި ހިންގާ ޕްރޮޖެކްޓެކެވެ.
މި ވޯކްސޮޕް ޕްރޮޖެކްޓް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކާއި، އެހެނިހެން އިދާރާގެ އިތުރުން ތިމާވެއްޓާއި ގުޅޭ މަސައްކަތްތައްކުރާ އަމިއްލަ ޖަމިއްޔާތަކާއި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ.