ޚަބަރު

ހުޅުމާލެ ބާބަކިއު ސަރަހައްދު، މިފަހަރު ފޭސް 2ގައި


ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެން ބާބަކިއު ހަދާނެ ސަރަހައްދެއް ހައުސިންގ ޑިވްލޮޕްމެންޓް ކޯޕްރޭޝަން، އެޗް.ޑީ.ސީއިން ޤާއިމުކޮށްދީފިއެވެ.

ބާބަކިއު ސަރަޙައްދު ހަދާފައިވަނީ ހުޅުމާލޭ ރުއްގަނޑު 3 ސަރަހައްދުގައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ބާބަކިޔު ސަރަޙައްދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ހިޔާ ސަރަޙައްދުގައި ދިރިއުޅޭ އާންމުންނަށް ބާބަކިއު އިވެންޓެއްވެސް އެޗް.ޑީ.ސީގެ ފަރާތުން ވަނީ ބާއްވާފައެވެ.

ހުކުރު ދުވަހު ހަވީރު ކުރިއަށްދިޔަ މި އިވެންޓުގައި ހިޔާ ކޮމިއުނިޓީތަކުގެ އިސް ބޭފުޅުންނާއި, އެޗް.ޑީ.ސީގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

އެޗް.ޑީ.ސީ އިން ވިދާޅުވީ ހިޔާ ސަރަޙައްދުގައި މިހާރު ކުރަމުންދާ މަސައްކަތްތައް ކުރުމުގައި އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ހިޔާލާއި މަޝްވަރާ ހޯދައި, ރައްޔިތުން ބޭނުންވާ ގޮތަށް އެސަރަޙައްދަށް ތަރައްޤީ ގެނައުމަކީ އެޗް.ޑީ.ސީގެ އަމާޒެއް ކަމަށެވެ.

އެޗް.ޑީ.ސީއިން ވިދާޅުވީ، ހުޅުމާލޭ ފޭސް 2 ގައި ބާބަކިއު ހަދާނެ ސަރަހައްދެއް ޤާއިމުވެގެން ދިއުމަކީ އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ފަސޭހަ ކަމެއްގައި އެ ކޯޕަރޭޝަނުން ޤަބޫލުކުރާ ކަމަށެވެ.

އެޗް.ޑީ.ސީއިން ވަނީ ބާބަކިޔު ސަރަޙައްދު ބޭނުން ކުރާއިރު ހުރިހާ އެންމެންގެވެސް ސަލާމަތާ ރައްކާތެރިކަމަށް ބަލައިގެން ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ.

ހުޅުމާލޭގައި ބާބަކިއު ހަދަން ޚާއްސަ ސަރަހައްދެއް މީގެ ކުރިންވެސް ހެދިފައި އޮތެއެވެ. އެއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އެންމެ އުތުރުން ނިމޭ ކޮޅުގައެވެ. އެހެން ނަމަވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އެ ތަން ވަނީ ބަންދުކޮށްފައެވެ.